ކުޅިވަރު

އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން އިއުލާންކޮށްފި


ކުވެއިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން އެތުލެޓިކްސް ޓީމު އިއުލާންކޮށްފިއެވެ.

އޭޝިއާގެ ޔޫތު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައި މި މަހުގެ 13-16 ގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއުލާންކުރިއިރު، އެ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީ އާއި، އިބްރާހީމް ނާހިލް ނިޒާރާއި، ޒީކް ސުއާދާއި، ޔޫސުފް އާއިޝް މުޙައްމަދު އަދި މުޙައްމަދު މިންހާލް ޝާމިންއެވެ.

މި އެތުލީޓުންގެ ތެރެއިން އާއިޝް ފިޔަވައި ދެން ތިބި ހަތަރު ދުވުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މި އަހަރު ވާދަކޮށްފައެވެ. އެގޮތުން ރޫޔާ ވަނީ އިނގިރޭސިވިލާތުގެ ބާމިންހަމުގައި މި އަހަރު ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.

ދެން ޓީމުގައި ހިމެނޭ ޒީކް އާއި ނާހިލް އަދި މިންހާ ވާދަކޮށްފައިވަނީ ތުރުކީގައި މި އަހަރު ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ.

އޭޝިއާ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި މީގެ ކުރިންވެސް ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވާއިރު، މި ފަހަރުގެ މުބާރާތަށް އެތުލީޓުން ދާނީ މިދިޔަ ފަސް މަހު ގިނަ މުބާރާތްތަކެއްގައި ވާދަކުރުމަށްފަހުގައެވެ.