ޚަބަރު

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 38 އިންސައްތަ އިތުރުވެއްޖެ


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 38 އިންސައްތަ އިތުރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަަނަށް ރާއްޖެއަށް ވަނީ 1.2 މިލިއަން ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 878317 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް ދަށަށް ދިޔަ ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ އަދަދުވަނީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރާއި އަޅާ ބަލާއިރު، އިތުރުވެފައެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު:

- ޖެނުއަރީމަހު – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރޗު – 150748 ފަތުރުވެރިން
- އޭޕްރީލް – 145280 - ފަތުރުވެރިން
- މޭ – 125522 ފަތުރުވެރިން
- ޖޫން – 110889 ފަތުރުވެރިން
- ޖުލައި – 133561 ފަތުރުވެރިން
- އޮގަސްޓް – 131862 ފަތުރުވެރިން
- ސެޕްޓެމްބަރ – 114984 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކަށްބަލާއިރު، އެންމެ ކުރީގައި އުޅެނީ އަވަށްޓެރި އިންޑިއާއެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ، 14.2 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. 12 އިންސައްތައިގެ ހިއްސާއަކާއެކު ދެވަނައިގައި އޮތީ ރަޝިއާއެވެ. 3 ވަނަ މާކެޓެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. ރާއްޖެއަށް އަައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 11 އިންސައްތަ ހިއްސާއަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރިއެރުންތައް ލިބެމުންދާއިރު، ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.