ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ދަރިވަރުންނަށް ދައްކާ ހެޔޮ ނަމޫނާ އަކީ ދާއިމަށް ހަރުލާނެ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވިޓުގައި، ޓީޗަރުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވާ ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ޓީޗަރުން ކުރައްވަމުން ގެންދަވާ އިޚްލާސްތެރި ބުރަ މަސައްކަތުގެ ސަބަބުން ޓީޗަރުންނަށް ދަރަނިވެރިވެފައިވާ ކަމަށެވެ.
The positive impression that teachers leave on us is permanent. We owe so much to their selfless hard work- to educate our children, to guide and prepare them for life. On #TeachersDay2022 I convey my gratitude and deep appreciation to teachers across Maldives.
— Ibrahim Mohamed Solih (@ibusolih) October 5, 2022
ކޮންމެ އަހަރަކު ވެސް ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވެސް ވަނީ ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ.
އެގޮތުން މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހަކުން ނުފެންނާނެ ކަމަށް މިނިސްޓަރ ވެސް ވިދާޅުވިއެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ ސްކޫލްތަކުގައި މިއަދު ދަނީ ހިންގަމުންނެވެ.