ކުޅިވަރު

ލިވަޕޫލުން ރޭންޖާސް ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޓްރެންޓް އެލެގްޒެންޑާރ އާނޯލްޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހަންމަދު ސަލާހްއެވެ. މިމެޗްގައި ލިވަޕޫލަށް އެޓީމްގެ ލީޑު ފުޅާކުރާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ގިނަ ހަމަލާތައްވަނީ ރޭންޖަރސްގެ ކީޕަރ އެލެން މެކްގްރެގަރ ދިފާއުކޮށްފައެވެ. މިގޮތުން ހާއްސަކޮށް ލިވަޕޫލްގެ ފޯވަޑް ޑަރވިން ނޫނޭޒްއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނައަށް އަރާފައިވާއިރު މިއާއެކު އެޓީމަށް ފަހަކަށް އައިސް ދިމާވެފައިވާ ފޯމްގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެކަމަށް ވަނީ ބެލެވިފައެވެ. މިމެޗުން ބަލިވުމާއެކު ރޭންޖަރސް އަދިވެސް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.