ކުޅިވަރު

އިންޓަ އަތުން ބަލިވެ ބާސާއަށް ބިރު ބޮޑުވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި އިންޓަ މިލާން އަތުން ބަލިވެ ބާސެލޯނާއަށް މި ސީޒަނުގައިވެސް ޔޫރޮޕާ ލީގު ކުޅެން ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ބާސާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗްގައި ބާސާއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިމެޗްގައި އިންޓައިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މިމެޗްގައި އިންޓަރއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ހަކާން ޗަލްހަނޮގްލޫއެވެ. މިމެޗްގެ ފަހު ހާފްގައި ޕެޑްރީ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އަންސޫ ފާތީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ އެލަނޑު ގަބޫލް ކޮށްފައެއް ނުވެއެވެ. މިނިންމުމާއި ހިތްހަމަ ނުޖެހުން ފާޅު ކުރުމާއެކު ބާރސާގެ ކޯޗް ޒާވީ ހެނާންޑޭޒްއަށް ވަނީ ކާޑުވެސް ދައްކާފައެވެ.

މިކާމިޔާބީއާއެކު އިންޓަ މިހާރު އުޅެނީ ގްރޫޕް ސީގައި ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓްާއކު ތާވަލްގެ ދެވަނައިގައެވެ. އަދި ބާސާ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.