ޚަބަރު

ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުން ހުއްޓުވަން ތުރުކީވިލާތުން ބިލެއް ހުށަހަޅައިފި


ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް ތުރުކީ ވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލު ހުށަހަޅާފައި ވަނީ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އޭ.ކޭ. ޕާޓީންނެވެ. އަދި، ޤާނޫނު ހަދާ މަޖިލީހުގައި މިހާރު ވަނީ މި ބިލުގެ ބަހުސް ފަށާފައެވެ.

ތުރުކީ ވިލާތުގެ ސަރުކާރުން ބުނީ، މި ފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، މީޑިޔާ އަދި ސޯޝަލް މީޑިޔާގައި ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުން ހުއްޓުވުމެވެ. އަދި، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ދޮގު ޚަބަރާއި މަޢުލޫމާތު ފަތުރައިގެން ޢާންމު މަސްލަހަތާއި، ސުލްޙަމަސަލަސްކަން ނަގައިލާ، މުޖުތަމަޢުގެ މެދުގައި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތްތައް ހުއްޓުވުމެވެ.

ނޫސްވެރިއަކު އެ ފަދަ ކުށެއް ކޮށްފިނަމަ، އަދަބެއްގެ ގޮތުގައި އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް މި ބިލުގައި ހިމަނާފައިވެއެވެ. ޤާނޫނު ހަދާ މަޖިލީހުން މި ބިލަށް ތާޢީދު ލިބޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ، އޭ.ކޭ. ޕާޓީއާއި، އެ ޕާޓީއާ ގުޅިފައިވާ އެމް.އެޗް.ޕީ. ޕާޓީއަށް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތުމެވެ.

މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަށް އުރުދުޣާން އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައި، މި ބިލާ ދެކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، އޭ.ކޭ. ޕާޓީން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އެ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ޙުސައިން ޔޭމަން ވިދާޅުވީ، ތެދު މަޢުލޫމާތާއި ޚަބަރު ފަތުރާ ނޫސްވެރިންނަށް މި ބަލުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމުގައެވެ.

"މިއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަމެއް. ބޭނުމަކީ، ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުން ހުއްޓުވުން. އެއްވެސް ހާލެއްގައި ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބޭނުން ކުރުން ހުއްޓުވާކަށް ނޫޅެން. އެ ފަދަ ކަމެއް ނުކުރާނަން. އޭ.ކޭ. ޕާޓީއަކީ އެ ފަދަ އަމަލުތަކާ ދެކޮޅު ޕާޓީއެއް،" ޔޭމަން ވިދާޅުވިއެވެ.

އަދި، މިފަދަ ޤާނޫނެއް ވުޖޫދު ކުރުމުގެ ބޭނުމަކީ އިދިކޮޅު ޕާޓީތަކުގެ އަޑު ކަނޑުވައިލުން ކަމުގައި ކުރެވޭ ތުހުމަތުތައް ވެސް ޔޭމަން ވަނީ ދޮގު ކުރައްވާފައެވެ. އޭ.ކޭ. ޕާޓީއާއި އެމް.އެޗް.ޕީ.އިން މި ބިލު ޤާނޫނު ހަދާ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް، ފަހުން ވަނީ މި ބިލަށް ބަދަލުތަކެއް ގެނެސްފައެވެ.

ނަމަވެސް ތުރުކީ ވިލާތުގެ ނޫސްވެރިންގެ ޔޫނިއަންއިން ވަނީ މި ބިލު އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވައިލާފައެވެ. މިއީ، މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ޖަމުޢިއްޔާއިން ސިފަ ކުރެއެވެ.