ޚަބަރު

ކެންސަރ ސޮސައިޓީއަށް ގާލާ ޑިނާރއިން ދެލައްކައެއްހާ ރުފިޔާ


ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑް ރެއިޒިންގ ގާލާ ޑިނަރގައި ގާތްގަޑަކަށް ދެލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެސޮސައިޓީން ހާމަކޮށްފިއެވެ. މިފައިސާ ބޭނުންކުރާނީ ކެންސަރ ސްކްރީނިންގ ހެދުމަށާއި، ދުރާލާ ކެންސަރު ބަލި ދެނެގަނެވޭނެ ޢަލާމާތްތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ސްކްރީނިންގއަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށް ކަމަށް އެސޮސައިޓީ މަޢުލޫމާތުދެއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑް ރެއިޒިންގ ގާލާ ޑިނަރގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އެވޯޑްސް" 3 ބޭފުޅަކަށް ޙަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ވަނީ މި އެވޯޑް އިތުރު 3 ފަރާތަކަށް ޙަވާލުކޮށްދެއްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ "އެވެއަރނަސް ކެމްޕެއިން" އިފްޠިތާޙްކޮށްދެއްވައި، މި ޙަފްލާގައި ކުރިއަށްދިޔަ "ލެޓްސް ގެޓް އެކްޓިވް"ގެ ނަމުގައި ހިންގި ޙަރަކާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ޙަރަކާތެކެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަމާޒަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާ ޙިއްޞާކުރުމާއި، މުޖުތަމަޢުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަޙައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަޢުލޫމާތާއި ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ، މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމުޢިއްޔާއިން އެންމެ އިސްކަންދޭ އެއްކަމަކީ ކެންސަރު ބަލީގެ ދިރާސާތައް ހެދުމާއި، ކެންސަރު ބަލީގެ ރެޖިސްޓަރޑް ޑޭޓާ ބޭސްއެއް ރާއްޖޭގައި އުފެއްދުމެވެ.

ކެންސަރ ސޮސައިޓީ އުފެދުނީ 2012 ވަނަ އަހަރުއެވެ. މިވީ 10 އަހަރު ދުވަހުގެ ތެރޭގައި މިބައްޔަށް ހޭލުންތެރިކުރުވުމަށާއި، މިބައްޔަށް ސްކްރީން ކުރުމުގެ ގިނަ މަސައްކަތްތަކެއް ސީއެސްއެމުންވަނީ ކޮށްފައެވެ.