ރަޝިޔާގެ އަސްކަރިއްޔާއާ 200,000 އަށްވުރެ ގިނަ މީހުން އަލަށް ގުޅިފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވެއްޖެއެވެ. ރަޝިޔާގެ އަސްކަރިއްޔާއާ އިތުރު މީހުން ގުޅިފައި ވަނީ ރައީސް ވްލަޑިމިއަރ ޕުޓިންގެ ގޮވައިލެއްވުމަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރައި ދަނީ ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. އަދި، ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ޕުޓިން ވަނީ އަސްކަރިއްޔާއާ އިތުރު 300,000 މީހުން ގުޅުމުގެ ފުރުޞަތު ހުޅުވައިލައި، އެ ކަމަށް ގޮވައިލައްވާފައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އިތުރު ސިފައިން ފޮނުވަން ނިންމާފައި ވަނީ، ހަނގުރާމައިގައި ލިބެމުންދިޔަ ނާކާމިޔާބީތަކާ ގުޅިގެންނެވެ. ޔޫކްރެއިނުގެ ސިފައިން ދަނީ ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރަމުންނެވެ. ހަނގުރާމައިގެ ކުރީ ސަފަށް އިތުރު ސިފައިން ފޮނުވަން ޕުޓިން ނިންމަވާފައި ވަނީ މި ސަބަބާ ގުޅިގެންނެވެ.
"މިހާރު ވެސް 200,000 އަށްވުރެ ގިނަ މީހުން އަސްކަރިއްޔާއާ އަލަށް ގުޅިއްޖެ. އެ މީހުންނަށް އަސްކަރީ ތަމްރީނު ދިނުމުގެ މަސައްކަތް ވަނީ ފަށާފައި. އެ މަސައްކަތް 86 ތަމްރީނު މަރުކަޒެއްގައި ފެށިގެން ދަނީ ކުރިއަށް،" ޝޮއިގޫ ވިދާޅުވިއެވެ.
ރަޝިޔާގެ އަސްކަރިއްޔާއާ އިތުރު މީހުން ގުޅުމަށް ޕުޓިން ގޮވައިލެއްވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ކަމާ ދެކޮޅަށް ވެސް ނުކުމެފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ބޮޑެތި މުޒާހަރާތަކެއް ބާއްވާފައެވެ. އަދި، އިތުރު ބަޔަކު ވަނީ ޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.
ކަޒަކްސްތާނުން ބުނީ ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ރަޝިޔާގެ 200,000 އަށްވުރެ ގިނަ މީހުން އެތެރެވެފައިވާ ކަމުގައެވެ. އަދި މީގެ ތެރޭގައި ގިނައީ އަސްކަރިއްޔާއާ ގުޅޭ އުމުރުފުރައިގެ މީހުން ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.
ހުސްވި ހަފުތާގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ހަތަރު ސަރަޙައްދަކަށް ވެރިވެގަނެފައެވެ. އެއީ، ހަނގުރާމައިގެ ކުރީކޮޅު އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައިވާ ޑޮނެޓްސްކްއާއި ލުހާންސްކްގެ އިތުރުން ދެކުނުގައިވާ ޚާރްސަން އަދި ޒަޕޮރީޜިޔާއެވެ. އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ސަރަޙައްދުތަކުގައި އެ ކަމާ މެދު ފެންނަ ނުފެންނަ ވޯޓުތަކެއް ނެގުމަށް ފަހުއެވެ.