ތަޢުލީމު

ސައުތު އޭޝިއަން ޔުނިވަރސިޓީގެ ގަވަރނިންގ ބޯޑުގެ ބައްދަލުވުން


ސައުތު އޭޝިއަން ޔުނިވަރސިޓީގެ ގަވަރނިންގ ބޯޑުގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި މި ބައްދަލުވުމުގައި ޔުނިވަރސިޓީގެ އެގްޒެކެޓިވް ކައުންސިލާއި އަދި ފައިނޭންސް ކޮމިޓީން ހުށައަޅާފައިވާ ބައެއް ކަންތައްތަކާމެދު މަޝްވަރާކޮށް އެންމެ މަތީ ފެންވަރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމާފައިވެއެވެ. އަދި ޔުނިވަރސިޓީގެ މި ދައުރުގެ ރައީސްގެ މަޤާމުގެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.އިންޑިއާގެ ނިއުދިއްލީގައި ހުންނަ ސައުތު އޭޝިއަން ޔުނިވަރސިޓީއަކީ، ސާރކްގެ ހުރިހައި ޤައުމުތަކަށް ނިސްބަތްވާ ޔުނިވަރސިޓީއަކަށް ވެފައި އަދި ސާރކުގެ ހުރިހައި ޤައުމަކުންވެސް ޗަންދާ ދައްކައިގެން ހިންގަމުންދާ ޔުނިވަރސިޓީއަކަށް ވާތީ ރާއްޖޭގެ ދަރިވަރުންނަށްވެސް މިޔުނިވަރސިޓީން ހެޔޮ އަގުގައި ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެފައިވެއެވެ. މި ޔުނިވަރސިޓީގައި ސާރކްގެ ހުރިހާ ޤައުމަކުން ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ. ޔުނިވަރސިޓީގައި ކިޔަވައިދޭ ހުރިހާ ޕްރޮގްރާމްތަކަކީ، ސާކްގެ ހުރިހާ މެންބަރު ޤައުމުތަކުން ބަލައިގަންނަ ޕްރޮގްރާމްތަކެކެވެ.މި ފަހަރުގެ ބައްދަލުވުގެ ޗެއަރޕަރސަންއަކީ، ސައުތު އޭޝިއަން ޔުނިވަރސިޓީގެ ގަވަރނިންގ ބޯޑުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އެއް މެންބަރު ކަމުގައިވާ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނާއިބު އަޒްލީން އަޙުމަދެވެ. މި ބައްދަލުވުމުގައި ސާރކްގެ ކޮންމެ ޤައުމަކުން 2 މެންބަރުންނާއި، ސައުތު އޭޝިއަން ޔުނިވަރސިޓީން އަދި ސާރކް ސެކްރެޓޭރިއެޓްގެ މެންބަރުން ހިމެނޭގޮތަށް ޖުމްލަ 20 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.