ޚަބަރު

ބިޔަ ބަރު ފާނައެއް އައްޑޫ ސިޓީން ބާނައިފި


ޢާއްމުކޮށް ނުބޭނޭ ސައިޒުގެ ބޮޑު ފާނައެއް އައްޑޫ ސިޓީން ބާނައިފިއެވެ.

މިއީފާނައިގެ ބާވަތްތަކުގެ ތެރެއިން މުޑު ފާނައެކެވެ. 108 ކިލޯގެ މިމުޑު ފާނަ ބާނާފައިވަނީ އައްޑޫ ސިޓީ މަރަދޫ ނެރުކައިރިން ކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގައި ފާނައިގެ މަސްވެރިކަން ވައިގައި ހިފާ ވިޔަފާރި ބޭނުންތަކަށާއި، ޢާއްމުންގެ ކެއިންބުއިމަށް ބާނާ އެއް ބާވަތަށް ފާނަ ވެފައިވަނީ 2000ހުގެ ކުރީކޮޅުގައެވެ. އެހެންނަމަވެސް ޢާއްމު ގޮތެއްގައި ބާނާ ފާނައިގެ ބާވަތްތަކުގެ ދިގުމިން ރިކޯޑުކުރެވިފައިވަނީ 50 އިންޗިއަށްވުރެ ކުޑައެވެ. އައްޑޫ ސިޓީން ބޭނި ފާނައިގެ ދިގުމިނަކީ 77 އިންޗިއެވެ. މިފާނައަކީ ރާއްޖޭގައި މިހާތަނަށް ބޭނި އެންމެ ދިގު އަދި އެންމެ ބަރު ފާނަކަމަށް މަސްވެރިކަމުގެ ޙަރަކާތްތެރިވާ މީހުން ބުނެއެވެ.

އައްޑޫ ސިޓީން މިމަސް ބޭނި ސަރަޙައްދަކީ މަރަދޫ މަސްފެކްޓްރީން މަސްކެނޑުމަށްފަހު އޭގެ ކަރު އަޅާ ސަރަޙައްދެއް ކަމުން މިއީ މަސްވަރަށް ތިޔާގި ސަރަޙައްދެއްކަމަށް މަސްވެރިން ބުނެއެވެ. އެގޮތުން މިފަދަ ބޮޑެތި މަސް އެސަރަޙައްދުން ފެނުނުނަމަވެސް މީގެ ކުރިން ކާމިޔާބުކަމާއެކު އެއްވެސް މަސްވެރިއަކަށް މިފަދަ ބޮޑު ފާނައެއް ބޭނިފައެއް ނުވެއެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ނަސީމް ކިޔާ މީހަކަށް ބޭނި މިމަސް އެއްގަމަށް އެރުވުނީ އޭނާއާއެކު އެސަރަޙައްދުގައި މަސްބާނަން ހަރަކާތްތެރިވި އިތުރު 5 މީހަކު ކުރި މަސައްކަތުން ކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު މިމަސް އައްޑޫގެ ރެސްޓޯރެންޓަކުން 2000 ރުފިޔާއަށްވުރެ ބޮޑު އަގުގައި ގަނެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އެކި ބާވަތްތަކުގެ މަސް ދޭތެރެ ދޭތެރެއިން ބާނައެވެ. ދިވެހިންގެ ކެއުމުގައި އެންމެ މުހިއްމު އެއްބާވަތަށް މަސް ވެފައިވާއިރު ފަރުމަހުގެ ތެރޭގައި ހިމެނޭ ފާނައަކީވެސް ގިނަ ދިވެހިންގެ މެދުގައި މަޤުބޫލު މަހެކެވެ. ފާނައިގެ އެކި ބާވަތްތައް ބާނަމުންދާއިރު ފާނައަކީ ރާއްޖެއިން ބޭރަށް ދިރޭ މަސްފޮނުވުމުގެ ގަވާއިދުގެ ދަށުން ބޭރުކުރާ މަހުގެ ބާވަތެއްވެސްމެއެވެ.