ޕާކިސްތާނަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އެޤައުމަށް އެހީވުމުގެ ގޮތުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ވިދާޅުވީ އިއްޔެ ހެނދުނު 8 އިން ފެށިގެން ރޭގަނޑު 9 ޖެހުމާއި ހަމައަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ހިމެނޭ ކިންގ ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ބެހެއްޓި ފަންޑު ފޮއްޓަށާއި މިކަމަށް ޚާއްސަކޮށް އެމަރުކަޒުން ހުޅުވާފައިވާ އެހީގެ ފަންޑު އެކައުންޓު މެދުވެރިކޮށް 510000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޕާކިސްތާން އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިފައިސާ ރާއްޖޭގައި ހަރަކާތްތެރިވާ ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ވިދާޅުވީ އިންސާނީ މިފަދަ ކާރިޘާތަކުގައި އެމަރުކަޒުން އަބަދުވަސް އެހީވުމުގައި އިސްނަގާނެކަމަށެވެ. އަދި އެމަރުކަޒުގެ މުދައްރިސުންގެ އިސްނެގުމަކަށް ކުރިއަށްގެންދިޔަ މިޙަރަކާތަށް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ފާހަގަކުރައްވައެވެ.
ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތަފާތު ހަރަކާތްތައް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ދިރާގު-ޕޭ އަދި އުރީދޫ އެމް-ފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
މިދިޔަ ޖޫންމަހު ޕާކިސްތާނަށް ކުރި ވިއްސާރައިގެ ސަބަބުން އެ ޤައުމުގައި ފެންބޮޑުވުމާއި ބިންގަނޑު ކަޑައިގެން ދިއުންފަދަ ޙާދިސާތަކުގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އަދި ގާތްގަޑަކަށް 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާއިރު، އޭގެ ތެރޭގައި 16 މިލިޔަން ކުޑަކުދިންވެސް ހިމެނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން 7.9 މިލިއަން މީހުންގެ ގެދޮރު ގެއްލި 2 މިލިޔަނަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި 6.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާއިރު އެޤައުމުން 1600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.