ޚަބަރު

އަޒަރުބައިޖާނާއި އަރުމީނިޔާއިން ޞުލްޙައިގެ މަޝްވަރާތަކަށް


ކުރީގެ ރޫސީ ވިލާތުން މިނިވަންކަން ހޯދި ދެ ޤައުމު ކަމުގައިވާ އަޒަރުބައިޖާނާއި އަރުމީނިޔާއާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ފެށުމަށް ދެ ޤައުމުގެ އޮފިޝަލުން ސްވިޓްޒަލެންޑުގެ ޖެނީވާއަށް ވަޑައިގަންނަވައިފިއެވެ. މި މަޝްވަރާތަކުގައި ބައިވެރި ވަނީ އަރުމީނިޔާގެ ޚާރިޖީ ވަޒީރު އަރާރަތު މިރްޒޮޔަންއާއި އަޒަރުބައިޖާނުގެ ޚާރިޖީ ވަޒީރު ޖެއިހުން ބެއިރަމޮފްއެވެ.

ޞަރަޙައްދީ ރޮނގުގެ މައްސަލައިގައި ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ދެ ޤައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށާފައެވެ. އެއިރު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި އަރުމީނިޔާގެ 49 ސިފައިންނާއި އަޒަރުބައިޖާނުގެ 50 ސިފައިން މަރުވެފައިވާ ކަމުގައި ދެ ޤައުމުން ބުނެއެވެ. ހަމަލާތައް ހުއްޓައިލާފައި ވަނީ ދެ ދުވަހަށް ފަހު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ދެ ޤައުމުގެ 200 އެއްހާ ސިފައިން ވަނީ މަރުވެފައެވެ.

ނަމަވެސް، އެއްބަސްވުމާ ޚިލާފުވެ، ސެޕްޓެންބަރު 30 ވަނަ ދުވަހު ދެ ޤައުމުން އަނެއްކާ ވެސް ވަނީ ހަމަލާ ބަދަލުކުރަން ފަށާފައެވެ. ދެ ޤައުމުން ވެސް ދަނީ ފުރަތަމައަށް ހަމަލާ ދޭން ފަށާފައި ވަނީ އަނެއް ޤައުމުން ކަމަށް ތުހުމަތު ކުރަމުންނެވެ. އެންމެ ފަހުން ދިން ހަމަލާތަކުގައި އަރުމީނިޔާގެ ސިފައިން ތިން މީހުން މަރުވި ކަމުގައި އެ ޤައުމުން ބުނެއެވެ.

ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި 2020 ވަނަ އަހަރު ވަނީ ހަނގުރާމަ ކުރަން ފަށާފައެވެ. ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓުމަކަށް ގެނައީ ރަޝިޔާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ. މިހާރު ވެސް ރަޝިޔާގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުން ދަނީ، އެ ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގުގައި ހަރަކާތްތެރިވަމުންނެވެ.

ދެ ޤައުމުން ހަމަލާ ބަދަލު ކުރަމުން މި ދަނީ ސަރަޙައްދީ އިމުގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ނަގޮރްނޯ-ކަރަބަޚްގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ. 2020 ގައި ކުރި ހަނގުރާމައިގައި އަޒަރުބައިޖާނުގެ ސިފައިން ވަނީ އަރުމީނިޔާއާ ގުޅޭ ސަރަޙައްދީ އިން ކައިރީގައިވާ ބައެއް ސަރަޙައްދުތައް ހިފާފައެވެ.

އެއީ، މީގެ 30 އަހަރު ކުރިން އަރުމީނިޔާއިން ހިފާފައިވާ ބިންތަކެއް ކަމުގައި އެ ޤައުމުން ބުނެއެވެ. އަޒަރުބައިޖާނަކީ ތުރުކީ ވިލާތާ ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އަނެއް ކޮޅުގައި އޮތީ ރަޝިޔާއިން ވާގިވެރިވާ އަރުމީނިޔާއެވެ.