ކުޅިވަރު

ހަޅުތާލުކުރި ކުޅުންތެރިންގެ މައްސަލަ ހައްލުކުރަނީ


ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ދެ ކުޅުންތެރިން ކަމަށްވާ ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސިޗާއި ބެލަރޫސްގެ ފޯވާޑް އިވާން ވެރާސްގެ މައްސަލަ ހައްލުކޮށްދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ޔޫވީއަށް ކުޅުނު އެ ދެ ކުޅުންތެރިންގެ މުސާރަ އާއި އެހެނިހެން ފައިސާ ނުދީގެން، އެ ކުޅުންތެރިން ވަނީ އާދީއްތަ ދުވަހު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ގައުމީ ފުޓްބޯޅަ ދަނޑޭުގައި ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުން މިލޯސް އާއި އިވާންއަށް މިދިޔަ ހަތަރު މަސް ދުވަހު ދޭން ޖެހޭ މުސާރަ އާއި ކޮށްތު ފައިސާ އޮތީ ހަމަނުޖެހިއެވެ. އަދި އެ ކުޅުންތެރިންގެ ވިސާވެސް ހަމަވެފައިވާ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ. މިލޯސް އާއި އިވާން އަށް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުޅުންތެރިންގެ ވިސާ ހަމަވެފައިވާއިރު، ފުރައިގެން ދާއިރު އިތުރު ފައިސާވެސް ދައްކަން ޖެހިފައިވުމެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން ބުނީ އެ ކުޅުންތެރިންގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނާ ބައްދަލުކޮށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވައި ދެން ހުރި ކުލަބުތަކުން ބަރާބަރަށް މުސާރަ ނުދޭ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އަދި ގިނަ ކުޅުންތެރިން މިކަމުގެ ސަބަބުން މާލީ ދަތިކަމާ ކުރިމަތިވެފައިވާއިރު، ކުލަބުތަކުން ކުޅުންތެރިންނަށް ދެމުން އަންނަ ޖަވާބަކީ އެފްއޭއެމާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

މި ސީޒަނުގެ އެފްއޭ ކަޕުގެ ފައިނަލް މެޗަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މި އަހަރަކީ އެފްއޭއެމަށްވެސް މާލީ ގޮތުން ގޮންޖެހުން ބޮޑު އަހަރެއް ކަމަށާއި, އަންނަ ސީޒަނުގައި މިކަން ތަކުރާރުނުވާނެ ގޮތެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.