ޚަބަރު

އަޒުހާން ކަމަށް ބެލެވޭ، ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ!

ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވައި އޮއްފައި ފެނުނު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

އެހަށިގަނޑަކީ ހުޅުމާލޭ 2ވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ ހ.ބޮނޑިކަނދޮޅުގޭ، ޢުމުރުން 27 އަހަރުގެ މުޙައްމަދު އަޒުހާންގެ ހަށިގަނޑުކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއެވެ. މިރޭ އެހަށިގަނޑު ފެނުނު ސަރަޙައްދުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށެވެ. ހަށިގަނޑު އޮތީ ވަރަށްބޮޑަށް ކުނިވެ ހަލާކުވެފައިކަމަށާ، އެހެންކަމުން އަދި މިދަނީ ބަލަންޖެހޭ ކަންކަން ބަލަމުންކަމަށް ހަސަން ސައީދު ވިދާޅުވިއެވެ. އަދި މިޙާލަތުގައި މާގިނަ މަޢުލޫމާތެއް ހާމަކުރެވެން ނެތްކަމަށާ، ކުރިއަށް އޮތް ވަގުތުތަކުގައި މިކަމާގުޅިގެން ހާމަކުރެވެންހުރި ކަންކން ހާމަކުރަމުން ދާނެކަމަށްވެސް ހަސަން ސައީދު ވިދާޅުވިއެވެ.

ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑުކަމަށް ވަރަށްބޮޑަށް ބެލެވޭކަމަށް ހަސަން ސައީދު ވިދާޅުވެއެވެ. އެހެންނަމަވެސް އަޒްހާންގެ ފޯނު އަދި މިހާތަނަށް ނުފެންނަކަމަށްވެސް ހަސަން ސައީދު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ ހިޔާ ފްލެޓްކައިރިން ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 18ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އަޒުހާން އެދުވަހު ފަތިހު ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރު ކައިރިން ފެނިފައިވެއެވެ. އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައެވެ.