ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި، އޫރު މަހާއި، ބަނގުރާ / ބިޔަރު އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 1055 ފުޅި ބަނގުރަލާއި، 1282.82 ކިލޯގެ އޫރު މަހާއި، ބަނގުރާ / ބިޔަރު އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި 810 ޕީސް ހިމެނެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
ކަސްޓަމްސްއިން ބުނީ އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތިވެސް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކަމަށެވެ.