ކޯވިޑާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ހިންގާ މާލީ އެހީގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކާއި ގުޅިގެން ހިންގަމުންދާ "ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުން ކަމަށެވެ.
• ކާބޯތަކެތި އުފެއްދުން
• އަތްތެރި މަސައްކަތް
• ބިއުޓީ އަދި މޭކަޕް ކުރުން
• ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
• ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
• އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
• ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
• ކުޅިވަރު އަދި ފިޓްނަސް
މި އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހެއެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މި ފުރުސަތުތަކުގެ ތެރެއިން 40 އިންސައްތަ ހާއްސަކުރެވިފައިވަނީ އަންހެނުންނަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި އެހީ އަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ، އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރ ވެބްސައިޓުން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުން ދަނީ ކޯވިޑާއި ގުޅިގެން ވިޔަފާރިތަަކަށް ވީ ގެއްލުމުން އަރައިގަތުމަށް ތަފާތު އެކި ގޮތްގޮތުން އެހީވަމުންނެވެ. އެގޮތުން މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން، ބޮޑެތި ވިޔަފާރިތައްވެސް ހިމެނެއެވެ.