ކުޅިވަރު

ފުރަތަމަ މެޗުން ޒުވާން ގައުމީ ޓީމު ބަލިވެއްޖެ


17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯލަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ބަލިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުން ޒުވާން ގައުމީ ޓީމު ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ކުވައިތުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އައްވަދެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ކުވައިތުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފާޑެލް އަލްޝައްރަފްއެވެ.

މެޗުގެ ދެވަނަ ހާފުގައި ކުވައިތުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ސޫދު އަލްކަންޑާރީ ވަނީ ލަނޑުޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ސޫދު އަލަންބާރީ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ކުވައިތުން ޖެހި ފަހު ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު އަލްހައްޖަލީއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ އިންޑިއާ އާއި ދެކޮލަށެވެ. އަދި ތިންވަނަ މެޗުގައި ސައުދި އަރަބިއްޔާއާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި ރާއްޖެ ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.