ޚަބަރު

ތޫފާން އިއަންގެ ސަބަބުން ފްލޮރިޑާގައި 24 މީހުން މަރުވެއްޖެ


ކެޓެގަރީ 4ގެ ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާއަށް އަރައި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ. މި ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ބޯކޮށް ވާރޭވެހުމުގެ އިތުރުން އުދަ އެރުމުގެ ސަބަބުން ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ތުފާނާ އެކު އައި ބާރު ވައިގެ ސަބަބުން ވެސް ރުއްގަސް ވެއްޓި، ޢިމާރާތްތަކާއި ގެދޮރުގެ ފުރާޅުތައް އެއްލައިލިއެވެ.

ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމަށް ފްލޮރިޑާގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާ ކަމުގައި ފްލޮރިޑާގެ މެޑިކަލް އެގްޒެމިނަރގެ އޮފީހުން ބުނެފައި ވީ ނަމަވެސް، އެމެރިކާގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އެ އަދަދު ތިން ގުނައަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އިރުދެކުނު ކަނޑުގެ ސަރަޙައްދުގައި ބޯޓެއް ފެތުމުގެ ސަބަބުން ގެއްލުނު 16 މީހަކު ހޯދުމަށް އެމެރިކާގެ ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބޯޓުގައި ދަތުރު ކުރި ދެ މީހެއްގެ މަރުވެފައިވާ ހަށިގަނޑު މިހާރު ފެނިފައިވާ އިރު، ނުވަ މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. އިތުރު ދެ މީހަކު ވަނީ ފަތާފައި ފްލޮރިޑާއަށް އަރާފައެވެ.

ތޫފާނާ އެކު ފްލޮރިޑާގެ ގިނަ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. 1.2 މިލިޔަން މީހުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ އިރު، ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ކޯސްޓްގާޑުން ބުނީ އޮކްޓޫބަރު 1 ވަނަ ދުވަހު އެކަނިވެސް ހެލިކޮޕްޓަރުތައް ބޭނުން ކޮށްގެން 117 މީހަކު ސަލާމަތް ކޮށްފައިވާ ކަމުގައެވެ.

ފްލޮރިޑާއަށް އެރުމަށްފަހު ތޫފާން އިއަން ވަނީ އެޓްލާންޓިކް ކަނޑުގެ ސަރަޙައްދަށް އަރާފައެވެ. އަދި، އެއަށްފަހު އަނެއްކާ ވެސް އެމެރިކާގެ ދެކުނު ކެރޮލައިނާއަށް މި ތޫފާން އެރިއެވެ. ނަމަވެސް، އެއިރު ތޫފާނުގެ ބާރު ވަނީ ކެނޑިފައެވެ. މިހާރު އިއަންގެ ބާރު ކެޓެގަރީ 1އަށް ވެއްޓިފައި ވީ ނަމަވެސް، އަދިވެސް ގަޑިއަކު 140 ކިލޯމީޓަރަށް ވުރެ ބާރުމިނުގައި ވައި ޖެހެއެވެ.

މި ތޫފާނާ އެކު އުތުރު އަދި ދެކުނު ކެރޮލައިނާގައި 320,000 އަށްވުރެ ގިނަ ގޭބީސީން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. "މި ތޫފާނާ ގުޅިގެން ލިބުނު ގެއްލުން އަންދާޒާ ކުރެވެން ފެށީ އަދި ކިރިޔާ. މިއީ ތާރީޚުގައި ވެސް އެމެރިކާއަށް އެރި އެންމެ ފަނާކުރަނިވި އެއް ތޫފާނަށް ވުމަކީ އެކަށީގެންވާ ކަމެއް. ތޫފާނުގައި ލިބުނު ގެއްލުމުން އާރާސްތު ކުރުމަށް އެތަކެއް މަހެއް ނަގާނެ،" އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ.

މި ތޫފާނާ އެކު ޖެހުނު ބާރު ވައިގެ ސަބަބުން ފްލޮރިޑާއަށް ލިބުނު ގެއްލުމުގެ އަގު 32 ބިލިޔަން ޑޮލަރަށް އަރާނެ ކަމުގައި ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ ކޯލޮޖިޖްއިން ބުނެއެވެ. އަދި، ފެންބޮޑުވެގެން ލިބުނު ގެއްލުމުގެ އަގު 15 ބިލިޔަން ޑޮލަރަށް އަރާނެ ކަމުގައި ވެސް އެ ކުންފުނިން އަންދާޒާ ކުރެއެވެ. އިއަންއަކީ، 1992ވަނަ އަހަރު ފްލޮރިޑާއަށް އެރި ތޫފާން އެންޑްރޫއަށް ފަހު އެންމެ ބޮޑު ގެއްލުމެއް ދިން ތޫފާން ކަމުގައި އެ ކުންފުނިން ދެކެއެވެ.

ތޫފާން އިއަން އެމެރިކާއަށް އެރުމުގެ ކުރިން ކިޔުބާއަށް އަރައި އެ ޤައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތޫފާނާ ގުޅިގެން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަޙައްދުތަކަށް އަލުން އެ ޚިދުމަތް ގުޅައިދިނުމަށް އެ ޤައުމުގައި ދަނީ މަސައްކަތް ކުރަމުންނެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ތޫފާން އިއަންގެ ސަބަބުން ވާރޭވެހުނު މިންވަރު 10 އިންސައްތަ އިތުރުވި ކަމުގައި އެމެރިކާގެ ސައިންސްވެރިން ބުނެއެވެ.