ކުޅިވަރު

ގައްބެގެ ދަތުރުން ފަތުރުވެރިކަން އިޝްތިހާރުވޭ - މިނިސްޓްރީ


އަބުދުލްޣަފޫރު އަލީ، ގައްބެ ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމަށް ކުރަމުންދާ ދަތުރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުވަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ގައްބެ ދަތުރާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިހަރަކާތުގެ ސަބަބުން ރާއްޖެއިން ބޭރުގެ ދުނިޔެއަށް ރާއްޖޭގެ ރީތި މަންޒަރުތަކާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުވަމުންދާކަމަށެވެ. އަދި ދިވެހި ޒުވާނެއްގެ މަސައްކަތް ދައްކުވައި، ފަތުރުވެރިކަމުގެ ދާއިރާގައި ސީދާގޮތުންނާއި، ނުސީދާގޮތުން ހުރި ފުރުޞަތުތަކަށް ޒުވާނުން އަހުލުވެރިވަމުންދާކަމަށެވެ. ހަމައެހެންމެ ރާއްޖޭގެ ތާރީޚީ ތަންތަން ހިމާޔަތްކޮށް، ޒަމާންވީ ދިވެހިންގެ ޘަޤާފަތާއި، އާދަކާދަތަކާއި، ޒަމާންވީ މަސައްކަތްތައް މުސްތަޤްބަލަށް ދެމެހެއްޓުމުގެ މުޙިންމުކަންވެސް މިހަރަކާތުން ފެނިގެންދާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.  އަބުދުލްޣަފޫރު އަލީ ކުރަމުންދާ ތާރީޚީ ދަތުރުގައި މިވަގުތު ހުރީ އައްޑޫ ސިޓީގައެވެ. މިއަދު މެންދުރު 12:30 ހާއިރު ފުވައްމުލަކުން ފުރައިގެން، އައްދޫ ސިޓީގެ ހިތަދޫއަށް ގައްބެއަށް ދެވުނީ ހަވީރު 4:10 ގައެވެ. ހިތަދޫން ވަރަށް ފުރިހަމަ މަރުހަބާއެއް ގައްބެއް ކިޔާފައިވާކަމަށް އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ. އައްޑޫ ސިޓީގައި ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީގައި އޮތީ ގުޅިފައިވާ ރަށްތަކަށާއި، އެރަށްތަކުގައި ހުރި މުޙިންމު ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުންކަމަށެވެ.ދެކުނުގެ ރަށްތަކަށްފަހު ގައްބެ ދެން ދަތުރުކުރާނީ ރާއްޖޭގެ އުތުރަށެވެ.