ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އަތުން ނޭޕާލް މުހިންމު މޮޅެއް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ނޭޕާލުން ކާމިޔާބުކުރީ 55-49 ޕޮއިންޓުންނެވެ.
މި މެޗު ފަށައިގެން ނޭޕާލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 15-12 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. މި މެޗުގައި ލަންކާ ޓީމު ތަންކޮޅެއް އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، ޖެހިގެން އައި ދެ ކުއާޓާގައި ނޭޕާލުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ.
އެގޮތުން ދެވަނަ ކުއާޓާގައި ނޭޕާލުން 11 ޕޮއިންޓުގެ ލީޑެއް ނެގިއިރު، މި ކުއާޓާ ނިމުނީ 32-21 ޕޮއިންޓުން ނޭޕާލް ކުރީގައި އޮވެގެންނެވެ. އަދި ތިންވަނަ ކުއާޓާ ނިމުނުއިރު ނޭޕާލް ކުރީގައި އޮތީ 43-33 ޕޮއިންޓުން ކުރީގައެވެ.
މި މެޗުގެ ފަހު ކުއާޓާގައި ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ވަނީ މި ކުއާޓާގައި ފާސްޓް ގޭމެއް ކުޅެފައެވެ. އެއާއެކު ލަންކާއިން ފަރަގު ކުޑަކުރި ނަމަވެސް، ނޭޕާލުން ވަނީ މެޗު ނިމުނުއިރު ހަ ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.
މި މެޗުގައި ނޭޕާލް ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޕްރަތިކްޝްޔާ މަގަރު ވަނީ ނުވަ ރީބައުންޑް ނަގައިދީ 21 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ރަޝްމީ ތާނިޔާ ވަނީ ހަތަރު ރީބައުންޑް ނަގައިދީ 17 ޕޮއިންޓް ސްކޯކޮށްފައެވެ.
ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭ ގޮތަށް މި ފަހަރުގެ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް ރޭވިފައިވާއިރު، މިއީ މި މުބާރާތުގައި ނޭޕާލުން ހޯދި ފުރަތަމަ މޮޅެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް ވަނީ ރާއްޖެ އަތުން 51-47 ޕޮއިންޓުން ބަލިވެފައެވެ. އަދި ލަންކާ ވަނީ ބޫޓާން އަތުން ފަސޭހަކަމާއެކު 98-33 ޕޮއިންޓުން މޮޅުވެފައެވެ.