ޚަބަރު

ހޮޅުދޫގައި ސާފުބޯފެނުގެ ނިޒާމް ޤާއިމްކުރުމަށް މިއަހަރު ފައްޓަވާނެ


މިއަހަރުގެ ޖޫންމަހު ސަރުކާރުން ހުށައަޅުއްވާނެކަމަށް
ހާމަކުރައްވާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ތެރެއިން ހޮޅުދުއަށް ސާފުބޯފެން
ފޯރުކޮށްދެއްވުމަށާއި އަދި ހޮޅުދޫގައި ފެންހިންދުމުގެ ނިޒާމެއް ޤާއިމުކުރެއްވުމުގެ
މަޝްރޫޢެއް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހޮޅުދޫ ނަރުދަމާގެ
ޚިދުމަތް އިފްތިތާޙުކުރެއްވުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ
ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.

ބިންކުޑަ އަދި އާބާދީ ތޮއްޖެހިފައިވާ ހޮޅުދޫގެ ރައްޔިތުން
އެތައް ޒަމާނެއްވަންދެން އިންތިޒާރުކުރަމުން އައި ދެ މަޝްރޫޢެއް ކަމަށްވާ ހޮޅުދޫ
ގިރާސަރަޙައްދު ޙިމާޔަތްކުރުމާއި، ނަރުދަމާ
ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރެއްވުމުގެ ޙަފްލާ ހޮޅުދޫގައި ބާއްވާފައިވާއިރު،
އެރަށަށް ކުރިމަތިވެފައިވާ އެހެން ދެ މައްސަލައަކަށްވެސް މިވަނީ ޙައްލުލިބޭގޮތްވެފައެވެ.
ވިއްސާރަ މޫސުމަށް ރަށުގައި ފެންބޮޑުވުމާއި ހޫނު މޫސުމަށް ފެނަށް ޖެހުމުގެ
މައްސަލައަކީވެސް އެތައް ޒަމާނެއްވަންދެން ރަށުގެ ރައްޔިތުން އެކަމުގެ ދަތި
އުދަގޫތައް ތަޙައްމުލް ކުރަމުންދާ ދެ މައްސަލައެވެ. ހުއްޓާނުލާ ބޯކޮށް ވިއްސާރަ
ވެހޭނަމަ ރަށުގައި ޤާއިމުކޮށްފައިވާ ޕަންޕް ސްޓޭނުންވެސް ފެންގަނޑު ކޮންޓްރޯލް
ކުރެވޭގޮތް ނުވެ، ވަގުތީ ހޮޅިލައިން އަޅައިގެންވެސް ރަށުން ފެންހިންދަން ޖެހުމަކީ
އާންމުކަމެކެވެ. ހޮޅުދޫ ނަރުދަމާ ނިމުމާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ
މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވަނީ ހޮޅުދުއަށް ކުރިމަތިވެފައިވާ މި ދެ
މައްސަލަ ޙައްލުކުރެއްވުމުގެ މަސައްކަތް މިއަހަރުތެރޭގައި ފަށްޓަވާނެކަމަށް
ވިދާޅުވެފައެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ފެނުގެ މަޝްރޫޢުގައި
މިހާރު ސަރުކާރުން ތައްޔާރުވެވަޑައިގަންނަވަނީ ލޮނުފެނުން މީރުފެން އުފައްދާ
ޕްލާންޓް ބަހައްޓަވައިގެން ފެންރައްކާކުރެވޭ ޓޭންކްތައް މެދުވެރިކުރައްވައި، ރަށު
އެކި ސަރަޙައްދުގައި އިސްކުރު ބަރިތަކެއް ބަހައްޓައިގެން މީރުފެން ފޯރުކޮށްދެއްވުމަށް
ކަމަށެވެ. ރަށުގެ ގެތަކަށް ފެންފޯރުކޮށްދެވޭވަރުވާނީ އެއަށްފަހު ކަމަށް ރައީސް
ވިދާޅުވިއެވެ.