އަމާޒަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ވީހާވެސް ގިނަ މެޗުތަކެއް ކުޅުން ކަމަށް ދާދި ފަހުން ޓީމަށް ރަސްމީ ފުރަތަމަ މެޗު ކުޅެދިން ޒުވާން ފޯވާޑް އަޙްމަދު ބައްސާމު މުހައްމަދު ނައީމް (ބައްކު) ބުނެފިއެވެ.
ބުރޫނާއީ ދާރުއްސަލާމުގައި މިދިޔަ ހޮނިހިރު ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ގައުމީ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުމުރުން 21 އަހަރުގެ ބައްކު ކުޅެން ނުކުތީ މެޗުގެ 71 ވަނަ މިނެޓުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) ގެ ބަދަލުގައެވެ.
އެ މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބައްސާމް ބުނީ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެވުމުން ވަރަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރެވޭ ކަމަށާއި އަދި ވަރަށް އުފާވާ ކަމަށެވެ. އަދި އަމާޒަކީ ގައުމީ ޓީމަށް އަނެއްކާވެސް ވީހާވެސް އަވަހަކަށް ކުޅެ، ގިނަ މެޗުތަކެއް ކުޅެދިނުން ކަމަށްވެސް ބުންޏެވެ.
"ދެން ވަރަށް އުފާވޭ ފުރަތަމަ އަލަށް ގައުމީ ޓީމަށް ކުޅެން ލިބުނީމަ. އަނެއްހެން ވަރަށް ރަނގަޅު އިހުސާސްތަކެއް މިއީ. ޓާގެޓަކީ ގައުމީ ޓީމަށް ވީހާވެސް އަވަހަކަށް ކުޅެ، ގިނަ މެޗުތަކެއް ކުޅެދިނުން.އަޙްމަދު ބައްސާމު މުހައްމަދު ނައީމް (ބައްކު)
ބ. ފެހެންދުއަށް އުފަން ބައްކު ގައުމީ ޓީމަށް މެޗެއް ކުޅެދިންއިރު، މިއީ ފެހެންދޫގެ ކުޅުންތެރިއަކު ސީނިއާ ގައުމީ ޓީމަށް މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ބައްކު ވަނީ މީގެ ކުރިން 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ.
ބައްކު އެންމެ ފުރަތަމަ، ފުރަތަމަ ޑިވިޝަނުގައި ކުޅުނީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި ފެހެންދޫ ފުޓްބޯޅަ ކުލަބަށެވެ. އޭގެ ފަހުން ޔޫތު މުބާރާތުގައި ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅުމަށް ފަހު، މިހާރު ފެނިގެންދަނީ ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިންނެވެ.
ރާއްޖޭގެ ސީނިއާ ޓީމަށް ބައްކު މުޅިން އަލަށް މެޗެއް ކުޅެދިންއިރު، ބުރޫނާއީ މެޗުގެ ފުރަތަމަ އެގާރައިގައި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އަށްވެސް ވަނީ ފުރުސަތު ދީފައެވެ. މިއީ އަހުއްކޮވެސް ރާއްޖޭގެ ގައުމީ ސީނިއާ ސްކޮޑުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މި ފަހަރު ބުރޫނާއީގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އެންމެ އިސްކަމެއް ދީފައިވަނީ ޓީމު ޒުވާންކޮށް، މުޅިން އައު ޓީމެއް ބިނާކުރުމަށެވެ.