ޚަބަރު

ފުނައްޑޫ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން: ޑރ.ހުސައިން


ތ. ފުނައްޑޫއަށް މަސް ގަންނަން ފެށުމަށް އެތަނުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް އެތަނުގެ ބަނދަރަށާއި ފެސިލިޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

"ފުނައްޑޫއަކީ މަސްގަނެ ޕްރޮސެސްކުރުމުގެ ކެޕޭސިޓީ ކުރިން ގާއިމްކުރެވިފައި ހުރި ތަނެއް، މިހާރު މިފްކޯއިން ވިދާޅުވަނީ އެތަން އޮޕަރޭޝަނަށް ގެނައުމަށް އެތަނުގެ ބަނދަރަށް ބަދަލު ގެންނަން ޖެހޭ ކަމާއި، މިހާރު ހުރި ފެސިލިޓީ އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށް، އެތާ އައިސްޕްލާންޓުވެސް ހުރީ ވޯކިންގ ކޮންޑިޝަނަކު ނޫން، އެ މަސައްކަތް ފެށުމަށް ބޭނުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ މީގެކުރިން ވިދާޅުވެފައިވަނީ، ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކޮށް، މަސް ގަނެވޭ ހާލަތަށް އެތަން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް 10.2 މިލިއަން ޑޮލަރު ނުވަތަ 157.3 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުން ވެގެންދާނީ ތ. އަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން 2004 ވަނަ އަހަރު ތަރައްޤީކުރި ރަށެކެވެ.

އަމިއްލަ ފަރާތަކުން އޮޕަރޭޓުކުރަމުން އައި ފުނައްޑޫގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެރަށް ތަރައްޤީކުރުމަށް ނަގާފައިވާ ލޯނެއް ނުދެއްކި އެރަށް އޮތީ ބީއެމްއެލްއަށް ނަގާފައެވެ. އަދި ސަރުކާރުން ވަނީ ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއާއި ހަވާލުކޮށްފައެވެ.