ރާއްޖޭގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ގައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ސްރީ ލަންކާއިން ފެށުން ރަނގަޅުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ލަންކާއިން ކާމިޔާބުކުރީ 98-33 ޕޮއިންޓުންނެވެ.
މުޅި މެޗުގައިވެސް ލަންކާ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގައި ތިބި އިސްކޮޅުން ދިގު ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާ ލަންކާއިން ނިންމާލީ 18-4 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ކުއާޓާގައި ލަންކާއިން ވަނީ އެ ޓީމުގެ ސްކޯ އިތުރުކޮށްފައެވެ. އެގޮތުން މި ކުއާޓާ އެ ޓީމުން ނިންމާލީ 39-17 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
މި މެޗުގެ ތިންވަނަ ކުއާޓާގައި ލަންކާ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ކުއާޓާ އެޓީމުން ނިންމާލީ 74-25 އިންނެވެ. އަދި ފަހު ކުއާޓާ ނިންމާލާފައިވަނީ 98-33 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
މި މެޗުގައި ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ނިރުމާ ސަސާންތީ ވަނީ 19 ރީ ބައުންޑު ނަގައި 27 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި ބޫޓާން ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޒުމްސެލް ފިންސޯ ވަނީ ދެ ރީބައުންޑް ހަދައި 10 ޕޮއިންޓް ސްކޯކޮށްފައެވެ.
މި މުބާރާތުގައި ލަންކާއިން ކުޅޭ ދެވަނަ މެޗުގައި އަންގާރަ ދުވަހުގެރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މި މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް ވަނީ ރާއްޖެ އަތުން ބަލިވެފައެވެ.