ލަންޑަންގައި ކުރިޔަށްދިޔަ ލެވަރ ކަޕު ޓީމް ވޯލްޑުން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ލަންޑަންގެ އޯޓޫ އެރީނާގައި ކުރިއަށް ދިޔަ މިމުބާރާތް ޓީމް ވާރލްޑް ކާމިޔާބުކުރީ ޓީމް ޔޫރަޕް 13 ޕޮއިންޓް 8 ޕޮއިންޓުން ބަލިކޮށްގެންނެވެ.
ތިން ދުވަހަށް ކުރިއަށް ދިޔަ މިމުބާރާތުގެ ފަހު ދުވަހާއި ކުރިމަތިލީއިރު ކުރީގައި އޮތީ މިހާތަނަށް ބޭއްވި ލެވަރ ކަޕްގެ ހަތަރު މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ޓީމް ޔޫރަޕެވެ. މިގޮތުން 8 ޕޮއިންޓް ހަތަރު ޕޮއިންޓުން ކުރީގައި އޮތް ނަމަވެސް މުބާރާތުގެ ފަހު ދުވަސް ވެގެންދިޔައީ ޓީމް ޔޫރަޕަށް ވަރަށް ނާކާމިޔާބު ދުވަހަކަށެވެ.
މިގޮތުން ފަހު ދުވަހުގެ ފުރަތަމަ މެޗްގައި ޓީމް ވާރލްޑްގެ ފީލިކްސް އައުގަރ އަލިއަސީމް އާއި ޖެކް ސޮކް ވަނީ ޓީމް ޔޫރަޕްގެ އެންޑީ މަރީ އާއި މަޓިއޯ ބެރެޓީނީ ބައްދަލުކުރި މެޗް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ޓީމް ވާރލްޑްއެވެ. މިމެޗް އެޓީމް ކާމިޔާބުކުރީ ދެއެއް ހައެއް އަދި ހައެއް ތިނަކުން ދެޓީމް އެއްވަރުވުމުން ކުޅުނު ލެވަރ ބްރޭކަރގެ ނަމުން މަޝްހޫރު ވެފައިވާ ޓައިބްރޭކަރ ސެޓް ދިހައެއް އަށަކުން ކާމިޔާބުކޮށްގެންނެވެ.
މިއާއެކު ދެ ޓީމްގެ ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަވިއިރު އައުގަރ އެލިއަސީމް އާއި ނޯވަކް ޖޯކޮވިޗް ބައްދަލުކުރި ދެވަނަ މެޗް އަލިއަސީމް ކާމިޔާބު ކުރުމާއެކު 10 ޕޮއިންޓް 8 ޕޮއިންޓުން ޓީމް ވާރލްޑްއަށް ކުރި ލިބިގެންދިޔައެވެ. އެންމެ ފުރަތަމަ 13 ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތް ކާމިޔާބު ކުރެވޭގޮތަށް ކަނޑައެޅިފައިވާ މި މުބާރާތުގެ ފަހު މެޗަކަށް ވެގެންދިޔައީ ސްޓެފަނޯސް ސިޓްސިޕާސް އާއި ފްރަންސިސް ޓިއަފޯއި ބައްދަލުކުރި މެޗެވެ.
މެޗް އެކެއް ހަޔަކުން ސިޓްސިޕާސް ގެންދިޔަ ނަމަވެސް ދެވަނަ ސެޓް ޓައިބްރޭކަކަށް ގޮސް ހަތެއް ހަޔަކުން ޓިއަފޯއި ކާމިޔާބު ކުރުމާއެކު ނަތީޖާ ނެރުމަށް ކުޅުނު ޓައިބްރޭކް ސެޓް ދިހައެއް އަށަކުން ކާމިޔާބުކޮށް ޓިއަފޯއި މިމުބާރާތް ޓީމް ވާރލްޑް އަށް ކާމިޔާބުކޮށްދިނެވެ.