އެއީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅައިގެ ސެމީފައިނަލް މެޗެވެ. ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި ކުޅުނު އެ މެޗުގައި ދިވެހި ޓީމު ބަލިވީ މުބާރާތް ބޭއްވި ނޭޕާލް ސަޕޯޓަރުންގެ ކުރިމަތީގައެވެ. އެ މެޗުން ރާއްޖެ ބަލިވީ 13 ޕޮއިންޓުގެ ތަފާތަކުންނެވެ. އެ ހިތްދަތިކަމުގައި ދިވެހި ޓީމު ތިންވަނަ ހޮވާ މެޗުގައި ކުރިމަތިލީ ބޫޓާނާއެވެ. އެ މެޗު ކާމިޔާބުކޮށް މުބާރާތުން ބްރޮންޒް މެޑަލް ނެގިކަމުގައި ވިޔަސް އެ މުބާރާތުގައި ކުޅުނު ދިވެހި ކޮންމެ ކުޅުންތެރިއެއްގެ ހިތުގައި ނޭޕާލް މެޗުން ވި ބަލި ބިންވަޅު ނެގުނެވެ. ބަދަލު ހިފުމުގެ ރޫހެއް އުފެދުނެވެ.
އޭގެ ތިން އަހަރު ފަހުން ރާއްޖޭގައި މިހާރު ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރަން ޖެހުނީ އެ ހިތްދަތިކަން ގެނުވި ނޭޕާލާ ދެކޮޅަށެވެ. ނަމަވެސް މިފަހަރު ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައެވެ. ނޭޕާލް އަތުން އެ ހިތްދަތި ބަލި ހަނދާން ނައްތާލާ ބަދަލުހިފުމަށް ދިވެހި ކުޅުންތެރިން އަތުކުރި އޮޅާލިއެވެ. އެއީ މި ފަސްގަނޑުގައި ނަތީޖާ ދިވެހި ޓީމު ކޮޅަށް އަނބުރާލެވޭނެ ކަމުގެ އުއްމީދެއް އޮތީމައެވެ. އެ ކުޅުންތެރިންގެ އާއިލާ އާއި ރަހުމަތްތެރިންނާ ދިވެހި ބާސްކެޓު އާއިލާ ކުރިމަތީގައި މި ހާއްސަ މެޗުން ދިވެހި ޓީމަށް މޮޅެއް ހޯދައިދޭން ކޮންމެ ކުޅުންތެރިއެއްވެސް ބޭނުންވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ކުޅިވަރު ވުޒާރާގެ އެންމެ އިސްވެރިޔާ އަހުމަދު މަހުލޫފާއި ދައުލަތުގެ އިސްވެރިން މެޗު ބެއްލެވުމަށް ވަޑައިގަތެވެ. މުޅި ސޯޝަލް ސެންޓަރު ފުރާލީ ރަތްކުލައިގެ ޖާޒީން ޖަރީވެގެން ތިބި ދިވެހި ސަޕޯޓަރުންނެވެ. ހަތަރު ކުއާޓާގެ ތެރެއިން ފުރަތަމަ ކުއާޓަރުގެ ކުޅުން ދިވެހި ޓީމުން ނިންމާލީ 16-14 އިން ކުރީގައި އޮވެގެންނެވެ. އެ ހިތްވަރާއެކު ދެވަނަ ކުއާޓަރ އާއި ކުރިމަތިލި ނަމަވެސް ކުއާޓަރ ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ނޭޕާލުން ލީޑު ނެގިއެވެ. މި ކުއާޓަރ ނިމުނުއިރު ނޭޕާލް ކުރީގައި އޮތީ އެއް ޕޮއިންޓުގެ ފަރަގަކާއެކު 25-24 އިންނެވެ.
މެޗުގެ ތިންވަނަ ކުއާޓަރ ފަށައިގެން ނޭޕާލުން ހަތް ޕޮއިންޓުގެ ލީޑެއް ނެގިއެވެ. މި ކުއާޓަރ ނިމެން 42 ސިކުންތަށް ވެފައިވަނިކޮށް ރާއްޖޭން ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް ނޭޕާލުން ވަނީ މި ކުއާޓާރ ގެ ފަހުކޮޅު ދިވެހި ޓީމުގެ މައްޗަށް ކުރިހޯދާފައެވެ. މި ކުއާޓާރ ނިމުނުއިރު ނޭޕާލް ކުރީގައި އޮތީ 34-36 އިންނެވެ. ހަތަރުވަނަ ކުއާޓާރ އާއި ދިވެހި ޓީމު ކުރިމަތިލީ ވަރުގަދަ އަޒުމެއްގައެވެ. އެއީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާމިނަތު ޝިއުރާ އަބްދުލްބާރީ އަށް އަނިޔާވުމާއެކު އެވެ. އެތަން ފޫބައްދަން ދިވެހި ޓީމުން އިތުރު ހިތްވަރެއް ލާން ޖެހުނެވެ. އެއާއެކު ދެން ފެނިގެންދިޔައީ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ގެ ލީޑަޝިޕެވެ. މެޗުގެ އެންމެ ފަހުކޮޅު ރިޝްމާ އާއި އާމިނަތު އިސްރާއު ގެ ހިތްވަރާއެކު ދިވެހި ޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ.
މެޗުގެ އެންމެ ފަހު ކަށިގަނޑު ފުމުމާއެކު މުޅި ހޯލު އުފަލުގެ އަޑުން ގުގުމާލިއެވެ. ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާ އާއި ރަހުމަތްތެރިންގެ ލޮލުން ފާއްދާލީ އުފަލުގެ ކަރުނައެވެ. އެ ދުވަހު ނޭޕާލް އަތުން ބަލިވުމުން ރޮވުނު ނަމަވެސް މިއަދު ދިވެހި ޓީމަށް ރޮވުނީ އުފަލުންނެވެ. އެ ހިތްދަތިކަމުން އަރައިގަނެ ހިތަށް ތަސައްލީއެއް ލިބުމުންނެވެ. މިއީ ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުންދާ ރިޝްމާ އަދި ޝިއުރާ އަށް ބަޔާންވެސް ކުރަން ދަތިވި އުފާވެރިކަމެވެ. ޕީއެސްއެމް ސްޕޯޓްސް ޓީމާ އެ ވާހަކަތަށް ހިއްސާކުރީ އުފަލާއެކު އެވެ.
މުޅި މެޗުގައި ވެސް އެންމެ ހިތްވަރުކުރި އެއް ކުޅުންތެރިއަކީ އިސްރާއު އެވެ. މެޗުގެ ސްޓެޓްސް އަށް ބަލާއިރުވެސް އިސްރާއުގެ ތަފާތު ވަރަށް ބޮޑުތަން ފެނިގެންދިޔަ އެވެ. ކޯޓުމަތީގައި އެ ދެއްކި ހިތްވަރު އިސްރާއު ސިފަކުރަނީ ހަނދާނުން ފޮހެލަން ދަތިވާނެ ތަޖުރިބާއެއްގެ ގޮތުގައެވެ. އަދި މި ކާމިޔާބީގެ ފަހަތުގައި ސަޕޯޓަރުންގެ ދައުރު އޮތްކަން އިސްރާއު ފާހަގަކުރީ އުފަލާއެކު އެވެ.
މިއީ މުޅި ދިވެހި ޓީމަށް އުފާވެރި ފެށުމެކެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.