ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެކުލަވާލި ބިލު އަންނަ މަޖިލީހަށް ހުށަހަޅާނެކަމަށް ބަންޑާރ ނާއިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މި ބިލު އެކުލަވާލާފައި މިވަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މިކަންކަން ހައްލުކޮށްދެއްވައި، އެ ގާނޫނު އިސްލާހުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެންމެފަހުން ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހެއްކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ) އާއި، މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމް.އީ.ޖީ) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މި އިސްލާހުގައި ތަފްސީލްކޮށްދީފައިވާނެއެވެ. އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.
މީގެ އިތުރަށް ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ އަންނަ ހަފްތާތެރޭގައި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.