ދުނިޔެ

ލީބިޔާގައި ގުޅިފައިވާ ސަރުކާރެއް ގާއިމްކުރަންޖެހޭ: އޮބާމާ


ލީބިޔާގައި ގުޅިފައިވާ ސަރުކާރެއް ގާއިމްކުރުމަކީ މުހިއްމު ކަމެއްކަމަށާއި އެކަމަށް އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އެގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. އިޓަލީގެ ރައީސް ސަރޖިއޯ މަތަރެއްލާ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު، ދެއްކެވި ވާހަކަފުޅުގައި އޮބާމާ ވިދާޅުވީ ލީބިޔާގައި ހަރުދަނާ ސަރުކާރެއް ގާއިމް ކުރެވިއްޖެ ނަމަ، ހުޅަނގުގެ ގައުމުތަކުން އައިއެސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި، ސަރަހައްދުގެ އަމާންކަން ގާއިމްކުރެވޭނެ ކަމަށެވެ.  އައިއެސް ޖަމާއަތުން ދަނީ އާދައިގެ މަތިން، ލީބިޔާގެ ތެޔޮ ވަޅުތަކަށާއި ތެޔޮ ހޮޅިތަކަށް ހަމަލާދީ، ލީބިޔާގެ ބައެއް ސަރަހައްދުތަކަށް އަތް ގަދަކުރަމުންނެވެ. އަދި، ލީބިޔާގެ ވެރިކަމާއި މެދު އުފެދިފައިވާ ހިތްހަމަނުޖެހުމުގެ ފައިދާ އެ ޖަމާއަތުން ނަގަމުންދާ ކަމަށްވެސް ގިނަ އެނަލިސްޓުން ދަނީ ބުނަމުންނެވެ.