މާލެ ސަރަހައްދުގައި ބޯހިމެނުމަށް އެކަށީގެންވާ އެއްބާރުލުން ލިބުނު ނަމަވެސް އެމަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި، އެހެންކަމުން ބޯހިމެނުމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ ފަށާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މިމަހުގެ 13 އިން ފެށިގެން 15 އާ ހަމައަށް ބޯހިމެނުމަށްޓަކައި ލިސްޓިންގގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ފަހުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް މައުލޫމާތު ސާފުކުރުމުގެ މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ދިމާވާ އެކި ދަތިތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ މައުލޫމާތުތައް ނެގުން ލަސްވަމުންދާތީ އެ މުއްދަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އޮތީ އިތުރުކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނެޝެނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސެޓްޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގެ 26 އިންސައްތަ އަދި މުޅި ރާއްޖޭގެ 16 އިންސައްތަ ނުނިމޭކަމަށެވެ. އައިޝާ ވިދާޅުވިގޮތުގައި މިހާރު އެއްވެސް ސަރަހައްދެއްގައި ލިސްޓިންގެ މަސައްކަތެއް ކުރިއަށް ނުގެންދެއެވެ. އަދި ލިސްޓިން ހެދިއިރު ބައްދަލުނުވާ ގޭބީސީތަކުގެ މީހުންނަށް ހޮޓްލައިންއަށް ގުޅައިގެން އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތް 27 ވަނަ ދުވަހަށް ނިމޭނެ ކަމަށް ލަފާކުރި ނަމަވެސް، މިހާރު މަސައްކަތްކުރިއަށްދާ މިންވަރަށް ބަލައި އަދިވެސް މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ އެނިއުމަރޭޓަރުން މަދުވުމާއި، އެ މަސައްކަތަށް ނިކުންނަ ގަޑީގައި ގޭބީސީތަކުންވެސް މީހުން ވަޒީފާއަށް ގޮސް އުޅުން ފަދަ އެކި ދަތިތައް މާލެ ސަރަހައްދުގައި ދިމާވާކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ނިމިފައިވާ ސަރަހައްދުތަކުގެ މުވައްޒަފުންވެސް އެހެން ސަރަހައްދުތަކަށް ފޮނުވައި މަސައްކަތް އަވަސްކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ މިގޮތަށް ގޭބިސީތަކުން މީހުންނާ ބައްދަލުނުވުމާއި އެފަދަ ކަންކަން ދިމާވި ނަމަވެސް، ބައްދަލުވާއިރު އެންމެންގެވެސް އެއްބާރުލުން ލިބޭކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.