ޚަބަރު

އެމްޕީއެލްއިން އައު ޑިޖިޓަލް ޚިދުމަތްތަކެއް

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން އައު އޮންލައިން ޚިދުމަތްތަކެއް ތައާރަފްކޮށްފިއެވެ.

އެމްޕީއެލްއިން ދޭ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ދިނުމަށް އެކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ވަނީ އެ ކުންފުނީގެ މަސައްކަތްތައް ކުރުމަށް އީއާރުޕީ ސޮފްޓްވެއަރއެއް ވެސް ގާއިމްކޮށްފައެވެ.

ކުންފުނީގެ 36ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ލޯންޗުކޮށްފައި ވަނީ ކުންފުނީގެ ޖޮބް ޕޯޓަލްއާއި، ސްޓާފް އެޕްގެ އިތުރަށް އޯކްޝަން އެޕެވެ.

އެ ކުންފުނީގެ ޖޮބް ޕޯޓަލް މެދުވެރިކޮށް އެމްޕީއެލްގައި ހުސްކޮށް ހުރި ވަޒީފާތައް ބަލައި އައު ވަޒީފާތަކަށް ހުށަހެޅުމުގެ އިތުރަށް، ހުށަހެޅި އެޕްލިކޭޝަންގެ ސްޓޭޓަސް ބަލައިލެވޭނެއެވެ. އެކުންފުނީގެ ސްޓާފް އެޕް މެދުވެރިކޮށް ސްޓާފް ޕްރޮފައިލް ބަލައި، ހާޒިރީ އަދި މުސާރައިގެ ތަފްސީލާއި މުވައްޒަފާއި ގުޅުންހުރި އެހެނިހެން މައުލޫމާތުތައް ބަލައި ޗުއްޓީ އަށް އެދި ހުށަހެޅޭނެއެވެ. އަދި އޯކްޝަން އެޕަކީ ނީލަމަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ އެޕެކެވެ.

މި އެޕްތަކަކީ އެ ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޯރމޭޝަން ކެންޕެއިނަކީ ޕޯޓުގެ މަސައްކަތްތައް އަވަސްކޮށް ކުންފުނިން ޚިދުމަތްހޯދާ ހުރިހާ ފަރާތަކަށް ފަސޭހަގޮތްތަކެއް ހޯދައިދީ މިހާރަށްވުރެ ހަރުދަނާ މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައި ފެށި ކެންޕެއިނެކެވެ.

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެ ކުންފުނީގައި ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި ރިޓަޔާކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އިނާމުދީފައިވެއެވެ. އެގޮތުން ގިނަ ދުވަސްތަކަކު ޚިދުމަތްކުރުމަށް ފަހު ރިޓަޔާކުރި 5 މުވައްޒަފަކަށް އެވޯޑުދިން އިރު، އެމްޕީއެލަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި 11 މުވައްޒަފަކަށް އިނާމު ދީފައިވެއެވެ.

އަހަރީ ދުވަހުގެ ޖަލްސާގައި އެމްޕީއެލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރަމްޒީ ހަދިޔާއެއް އަރުވާފައެވެ.