ކުޅިވަރު

ޓޮޓްނަމް ބަލިކޮށް އާސެނަލަށް ޖެހިޖެހިގެން 10 ވަނަ މޮޅު


އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އާސެނަލުން ޖެހިޖެހިގެން 10 ވަނަ މޮޅު ހޯދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމް ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. މެޗް ބަލާލުމަށް ރިކޯޑް އަދަދެއް ކަމަށްވާ 47 ހާސް 367 މީހުން އެމިރޭޓްސް ސްޓޭޑިއަމަށް ވަދެފައިވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ފަސްވަަނަ މިނެޓުގައި ޖަހާ އާސެނަލަށް ލީޑު ނަގާދިނީ ބެތު މީޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާދިނީ ވިވިއާން މިއެޑަމާއެވެ. އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ރަފައެލޭ ސޯޒާއެވެ. އަދި ފަހު ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން މިއެޑެމާ އެވެ.

މި ކާމިޔާބީއާއެކު އާސެނަލް ވަނީ މިފަހަރުގެ މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ސްޕަރސް ވަނީ ތިން ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ވެއްޓިފައެވެ.