ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން މިލާން ކްރިކެޓް އެކެޑަމީ އާއި އައިޒީ މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ފުރަތަމަ މާލޭ ސްޕޯރޓްސް ކްލަބާއާއި ބައްދަލުކޮށް މިލާން ކްރިކެޓް އެކަޑަމީން މެޗު ކާމިޔާބުކޮށްފައި ވަނީ 37 ލަނޑުންނެވެ. ދެވަނަ މެޗް ނިއު ސްޓާރއާއި ބައްދަލުކޮށް އައިޒީ މެޗު ކާމިޔާބުކޮށްފައި ވަނީ 23 ލަނޑުންނެވެ.
ފުރަތަމަ މެޗުގެ ގުރު ދިމާވުމުން މިލާން ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެން އަރާ 20 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 181 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 28 ބޯޅައިން 47 ލަނޑު އާދަމް ނާސިފާއި 49 ބޯޅައިން 78 ލަނޑު ހެދި ޔޫސުފް އަޒިޔާނެވެ.
ޖަވާބުގައި މާލޭ ސްޕޯޓްސް ކުލަބް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 9 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 144 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 39 ލަނޑު ހެދި މުހައްމަދު ސިޔާމާއި 43 ބޯޅައިން 50 ލަނޑު ހެދި މެހެންދި ހަސަނެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫސުފް އަޒިޔާނެވެ.
ދެވަނަ މެޗް ނިއުސްޓާރ ގުރު ދިމާވުމުން ގަސްދުކުރީ ހޮވުމަށެވެ. އައިޒީ ކުޅެންއަރާ 4 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގައި ހެދިފައިވަނީ 170 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 45 ލަނޑު ހެދި ސުދޭސްއާއި 41 ލަނޑުހެދި ޓީމްގެ ކެޕްޓަން މުހަންމަދު އަފްލާހެވެ. ޖަވާބުގައި ނިއުސްޓާރ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ހެދިފައިވަނީ 147 ލަނޑެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޒީގެ ސުދޭސް އެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭ ސްޕޯރޓްސް ކްލަބާއި މާލޭ ވެޓެރަންސް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ކޮމެޓްސް އާއި ވިޔަންޒާ އެވެ. ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހެދުނު 8 ޖަހާއިރުއެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.