ކުޅިވަރު

ފަސްޓް ލޭޑީ ފަޒްނާ ގައުމީ އަންހެން ބާސްކެޓް ޓީމާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މެޑަމް ފަޒްނާ ވަނީ ވަނީ ކުޅިވަރުގެ މައިދާނުގައި އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާއިން ބައެއް ވާހަކަފުޅުތައް ޙިއްޞާކުރައްވައި ޓީމުގެ މެންބަރުން މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ. އަދި މި މުބާރާތަކީ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

މި ހަރަކާތުގައި ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ވަނީ މި މުބާރާތުގައި ގައުމީ އަންހެން ޓީމުން ބޭނުން ކުރާ ޖާޒީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދަށް ވެދުމަށް އަރުވައިފައެވެ.

ފަސްޓްލޭޑީ ވަނީ ރޭ ކުރިއަށްދިޔަ، އަންހެން ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ވެސް ބައްލަވާލައްވާ މި މުބާރާތައް ރާއްޖެއިން ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު އޮޅުން ފިއްލުވާފައެވެ. މި ހަރަކާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރަހައްދީ އެންމެ ބޮޑު ބާސްކެޓް މުބާރާތް ރާއްޖޭގައި ކުރިއަށްދާނީ މި މަހުގެ 25 އިން 30 އަށެވެ.