ޚަބަރު

އެމެރިކާއިން އުޅެނީ ރަޝިޔާ ނައްތާލާން: ލެވްރޮފް


އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ އެހެން ޤައުމުތަކުން ރަޝިޔާ ހަލާކުކޮށް ނައްތައިލަން މަސައްކަތް ކުރަމުންދާ ކަމުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފް ވިދާޅުވެއްޖެއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 77ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ލެވްރޮފް ވިދާޅުވީ ރަޝިޔާއާ މެދު ނަފްރަތު އުފައްދައި، އެ ޤައުމު ބައިބައިކޮށް، ނަން ކިލަނބުކޮށްލަން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

"ރަޝިޔާއާ މެދު ހުޅަނގުގައި ނަފްރަތު އުފެދިފައި ވަނީ ޤަބޫލުކުރަން ވެސް ދަތި މިންވަރަކަށް. ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާކުރަން ހުޅަނގުން މަސައްކަތް ކުރަމުން ދަނީ ފާޅުގައި. އަސްކަރީ ގޮތުން ގެއްލުންދޭން ހުޅަނގުން ބޭނުންވޭ. އަދި ރަޝިޔާ ބައިބައިކޮށްލުމަކީ އެ މީހުންގެ އަމާޒު،" ލެވްރޮފް ވިދާޅުވިއެވެ.

އެމެރިކާގެ ބޭނުމަކީ "މޮންރޯ ޑެކްލަރޭޝަން" ފުޅާކޮށް، ހުރިހާ ބާރުތަކެއް އެމެރިކާ ބައްރަށް ޖަމާ ކުރުން ކަމުގައި ލެވްރޮފް ތުހުމަތު ކުރެއްވިއެވެ. "ފިނި ހަނގުރާމައިގައި ކާމިޔާބީ ލިބުނީ އެމެރިކާއަށް ކަމުގައި އަމިއްލައަށް ކަނޑައަޅައި، އެ ޤައުމުން ދަނީ ހިތުހުރި ކަމެއް ކުރަމުން. އެހެން ހުރިހާ ޤައުމުތަކަށް ވުރެ ތިމަންނާމެންގެ ބާރުވެރިކަން ގަދަ ކަމަށް ދައްކަމުން،" އެމެރިކާއަށް ނުރުހުން އަމާޒު ކުރައްވައި ލެވްރޮފް ވިދާޅުވިއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ހުޅަނގުގެ ލީޑަރުން ވަނީ ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބްރުވަރީ 24ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައެވެ.

ހަނގުރާމައިގައި ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތައް ރަޝިޔާ ސިފައިން ހިފާފައި ވާއިރު، ޔޫކްރެއިނު ސިފައިން މިހާރު ދަނީ އެ ސަރަޙައްދުތައް މިނިވަން ކުރަން މަސައްކަތް ފަށާފައެވެ. ނަމަވެސް، ޔޫކްރެއިނާ ވަކިވެ ރަޝިޔާއާ ގުޅުމާ މެދު ގޮތެއް ނިންމުމަށް ބައެއް ސަރަޙައްދުތަކުގައި މިހާރު ދަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މި ވޯޓު ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީ ޑޮންބާސް ސަރަޙައްދު އެކުލެވިގެންވާ ޑޮނެޓްސްކްއާއި ލުހާންސްގެ އިތުރުން ދެކުނުގައިވާ ޚާރްކިވްއާއި ޒަޕޮރީޜީޔާ ހިމެނެއެވެ. ރަޝިޔާއިން މަސައްކަތް ކުރަމުން ދަނީ އެ ސަރަޙައްދުތަކަކީ އެ ޤައުމުގެ ބިންތަކެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

"ޔޫކްރެއިނާ ވަކިވާން އުޅޭ ސަރަޙައްދުތަކަކީ ރަޝިޔާ ރައްޔިތުންގެ ކާބަފައިންގެ ބިންތައް. އެތަކެއް ސަތޭކަ އަހަރެއް ވަންދެން އަހަރުމެންގެ ކާބަފައިން ދިރިއުޅުނު ތަންތަން،" ލެވްރޮފް ވިދާޅުވިއެވެ. އޭނާ ދެކޭ ގޮތުގައި، އެ ސަރަޙައްދުތަކުގެ ރައްޔިތުން ޔޫކްރެއިނާ ވަކިވާން ބޭނުން ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިޒުނައާ އެކުއެވެ.

2021ވަނަ އަހަރު ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ ތިމަންނާއަކީ ރަޝިޔާ މީހެއްގެ ގޮތުގައި ޤަބޫލު ކުރާ ޔޫކްރެއިނުގެ ހުރިހާ ރައްޔިތުން އެ ޤައުމު ދޫކޮށް ރަޝިޔާއަށް ހިޖުރަ ކުރުމަށް ގޮވައިލައްވާފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައަށް މިހާރު ވަނީ އަށް މަސް ފުރިފައެވެ.