ކުޅިވަރު

ޓީ20 އެކުވެރިކަމުގެ މެޗުގައި އިންޑިއާއިން އޮސްޓްރޭލިއާ ބަލިކޮށްފި


އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ޓީ20 އެކުވެރިކަމުގެ ދެވަނަ މެޗު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.

ނާގްޕޫރުގައި ކުޅުނު މިމެޗް އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ 6 ވިކެޓުންނެވެ. މިމެޗްގައި ޓޮސް ދިމާވެގެން އިންޑިއާއިން ގަސްދުކުރީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.

ވިއްސާރައިގެ ސަބަބުން 8 އޯވަރަށް ކުޅުނު މި މެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ އޮސްޓްރޭލިއާއަށް ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނި 90 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 43 ލަނޑު ހަދާދިން މެތިއު ވޭޑްއެވެ. އަދި ކެޕްޓަން އާރޮން ފިންޗްވަނީ 31 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އިންޑިއާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 2 އޯވަރު 13 ލަނޑަށް 2 ވިކެތް ނަގާދިން އަކްސާރު ޕަޓޭލްއެވެ.

ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ ހަތަރު ބޯޅަ ބާކީ އޮއްވާ ހަތަރު ވިކެޓަށް 92 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 46 ލަނޑު ހަދާދިން ކެޕްޓަން ރޯހިތު ޝަރްމާއެވެ. އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ދެ އޯވަރު 16 ލަނޑަށް ތިން ވިކެތް ނަގާދިން އެޑަމް ޒަމްޕާއެވެ.

މިކާމިޔާބީއާއެކު އިންޑިއާއިން މިވަނީ މިސީރީޒް އެއްކެއް އެކަކުން ހަމަހަމަ ކޮށްފައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ތިން ވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.