ލެވާ ކަޕުގައި ކުޅުނު ޑަބަލްސް މެޗަށްފަހު ޓެނިހުގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ރިޓަޔާކޮށްފިއެވެ.
ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ ޕްރޮފެޝަނަލްކޮށް ރޭގެ މެޗަށްފަހު ޓެނިސް ކޯޓުން ނުފެންނާނެކަމަށް އޭނާވަނީ މިދިޔަ ހަފްތާގައި ހާމަކޮށްފައެވެ. އަދި މިދިޔަ ދެތިން ދުވަސް ވެގެން ގޮސްފައިވަނީ މި ހާއްސަ ވަގުތަށް ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދިޔަ ވަގުތަކަށެވެ. ފެޑެރަރ ކުޅުނު ފަހު މެޗަށް ވެގެންދިޔައީ ލެވަރ ކަޕްގައި ޓީމް ޔޫރަޕަށް އޭނާގެ ދުވަސްވީ ވާދަވެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް އާއެކު އެއްޓީމަށް ކުޅުނު ޑަބަލްސް މެޗެވެ.
ޓީމް ވާރލްޑްގެ އެމެރިކާ ދެ ކުޅުންތެރިން ކަމަށްވާ ޖެކް ސޮކް އާއި ފަރަންސެސް ޓިއަފޯ އާ ބައްދަލުކުރި މެޗުން ފެޑެރަރ އާއި ނަޑާލް ވަނީ އެންމެ ފަހު ވަގުތު ބަލިވެފައެވެ. މި މެޗް ނިމުނީ ހަތަރެއް ހައެއް، ހަތެއް ހައެއް އަދި އެގާރަ ނުވަޔަކުންނެވެ. މިދިޔަ އަހަރުގެ ވިމްބަލްޑަންގެ ކްއާޓަރ ފައިނަލްގައި ހުބަރޓް ހަކާޒްއަތުން ބަލިވި ފަހުން މިއީ އޭނާ ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ފަރާތުން އެންމެ ފުރިހަމަ ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ.
މެޗްގެ ނަތީޖާގެ ސަބަބުން ފެޑެރަރގެ ރިޓަޔަރމަންޓްގެ އުފާފާޅުކުރުންތަކަކަށް އެއްވެސް ހިޔަންޏެއް އެޅިގެން ގޮސްފައެއް ނުވެއެވެ. މިގޮތުން މިމެޗްގައި ފެޑެރަރގެ ކޮންމެ ހަރަކާތަކަށް މިމެޗް ބަލާލަން ލަންޑަންގެ އޯޓޫ އެރީނާއަށް ވަދެ ތިބި 1750 ކުޅިބެލުންތެރިންދިޔައީ ތަރްހީބު ދެމުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރޮވެމުންދިޔަ ފެޑެރަރ ކޯޓަށް ވަދެތިބި އެންމެނަށް އަލްވަދާއު ކީއިރު ހުރިހާ ކުޅިބެލުންތެރިންނާއި ޓީމް ޔުރަޕާއި ޓީމް ވާރލްޑްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ވަނީ ހޫނު ތަރްހީބެއް ލިބިގެން ގޮސްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އުމުރުން މިހާރު 41 އަހަރުގެ ފެޑެރަރ ހާމަކުރިގޮތުގައި މިއީ ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. އޭނާ ދެރަ ނުވާކަމަށާއި އޭގެ ބަދަލުގައި ހުރީ ވަރަށް ހިތްހަމަ ޖެހި އުފަލުން ކަމަށް އޭނާ ހާމަކުރިއެވެ. އަދި މާބޮޑު މައްސަލައެއް ކުރިމަތިނުވެ މިމެޗް ފުރިހަމަ ކުރެވުނީތީ އުފާކުރާކަމަށްވެސް އޭނާ ހާމަކުރިއެވެ. މީގެއިތުރުން ފެޑެރަރ ވަނީ އާއިލާގެ ފަރާތުން އޭނާގެ ދިގު ކެރިއަރުގައި އޭނާއަށް ދިން ހިތްވަރާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އޭނާގެ އަންހެނުންގެ ނަން ފާހަގަ ކުރިއެވެ. މިގޮތުން އޭނާގެ އަންހެނުން ބޭނުންވި ނަމަ ކިތައްމެ ކިތައްމެ އަހަރެއް ކުރިން އޭނާ ކުޅުން ހުއްޓާލަން ބުނެވުނީސް ކަމަށާއި އޭގެ ބަދަލުގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އޭނާ ދިޔައީ މިކަމުގައި ކުރިއަށް ދާން ހިތްވަރު ދެމުން ކަމަށްވެސް ފެޑެރަރ ފާހަގަ ކުރިއެވެ.
ފެޑެރަރ ކުޅުން ހުއްޓާލަން ޖެހުނު އެންމެ ބޮޑު ސަބަބަކަށް ވެފައިވީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއެވެ. މިއަނިޔާގައި އޭނާ އުޅޭތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. މިގޮތުން ތިން ފަހަރު މަތިން ކަކުލުގެ އޮޕަރޭޝަންވެސް ވަނީ ކޮށްފައެވެ. އަދި ފަހު ފަހަރަށް އަނބުރާ އާދެވޭތޯ ބެލުމަށް އެންމެ ފަހުން ކުރި ސްކޭނަށްފަހު އެއީ ކުރެވިދާނެކަމެއް ކަމަށް ގަބޫލް ނުކުރެވުމުން ޕްރޮފެޝަނަލްކޮށް ޓެނިސް ކުޅުން ހުއްޓާލަން ނިންމީކަމުގައި ފެޑެރަރ ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ރިޓަޔަރމަންޓް ފާހަގަ ކުރުމުގެގޮތުން އޭނާ ކުޅޭ ފަހު މެޗްގައި ޕާޓީއެއް ބާއްވަން އޭނާ ކުރިން އޮތީ ނިންމާފައިކަމުން ރޭގެ މާހައުލަށްވުރެ އޭނާއަށް އެކަން ހާސިލް ވެގެންދާނެ އިތުރު ފުރުސަތެއް ލިބިގެން ނުދާނެކަމަށް ފެޑެރަރ ގަބޫލް ކުރެއެވެ.
އޭނާގެ ފަންސަވީސް އަހަރުވީ ކެރިއަރުގައި އޭނާގެ އެންމެ ބޮޑެތި ވާދަވެރިންގެ ގޮތުގައި ފާހަގަ ކުރެވިފައިވި ނަޑާލް އާއި ސަރބިއާގެ ނޯވަކް ޖޯކޮވިޗް އަދި އިނގިރޭސިވިލާތުގެ އެންޑީ މަރީ އާއި އެއްޓީމެއްގައި ކެރިއަރުގެ ފަހު މެޗްގައި އޭނާއަށް ތަރްހީބު ދެމުންދިޔުމަކީ ހާއްސަ ކަމެކެވެ.
ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ފެޑެރަރއަކީ ޓެނިސް އާއުސްމިންތަކަކަށް ގެންގޮސްފައިވާ ކުޅުންތެރިއެކެވެ. އަދި ޓެނިހުގެ ދުނިޔޭގައި ގިނަ ރިކޯޑް ތަކެއްވެސް ހާސިލް ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ކާމިޔާބީތަކަށް ބަލާލާއިރު ފެޑެރަރވަނީ ގްރޭން ސްލޭމް 31 ފައިނަލްގައި ވާދަކޮށް 20 މުބާރާތް ކާމިޔާބުކޮށްފައެވެ.
ދުނިޔޭގެ ރޭންކިންގގެ އެއްވަނައިގާ 310 ހަފްތާ ހޭދަކޮށްފައިވެއެވެ. އޭޓީޕީ 103 ތަށި އުފުލާލާފައިވާއިރު މާސްޓަރސް ވަން ތައުޒަންޑްގެ 28 ތަށި ކާމިޔާބުކޮށްފައިވެއެވެ. އޭޓީޕީ ފައިނަލްސް 6 ފަހަރު ކާމިޔާބުކޮށްފައިވާއިރު ޑެވިސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ. ޕިކް ރަން މެޑަލް ޑަބަލްސް ކެޓެގަރީއިން ހޯސާފައިވާއިރު ސިންގަސްލް ބައިން ރިހި މެޑަލް ހާސިލްކޮށްފައިވެއެވެ. އަދި މިހާތަނަށް ފައިސާގެ އިނާމްގެ ގޮތުގައި 114 މިލިއަން އެެމެރިކާ ޑޮލަރު ލިބިފައިވެއެވެ.
މެޗަށްފަހު ކެރިއަރު ނިންމާލުމުން ފެޑެރަރ ހާމަކުރިގޮތުގައި މިއީ އެންމެފަހުގެ ނިމުން ނޫން ކަމަށާއި ދިރިއުޅުން ކުރިއަށް ދާނެކަމަށެވެ. އަދި ޕްރޮފެޝަނަލްކޮށް ޓެނިސް ނުކުޅެވުނު ނަމަވެސް މި ކުޅިވަރާއި ދުރަށް ނުދެވޭނެކަންވެސް އޭނާ ހާމަކޮށްފައިވެއެވެ. ގިނަ ބަޔަކު ސިފަކުރާގޮތުގައި މިއީ ފެޑެރަރގެ ޖީލުގެ ނިމުމުގެ ފެށުމެވެ. އެއީ ނަޑާލް އާއި ޖޯކޮވިޗް އަދި މަރީވެސް މިހާރު މިވަނީ ކުޅުން ހުއްޓާލާ ދުވަސް ކައިރިވެފައިކަމަށް ތަޖްރިބާކާރުން ގަބޫލް ކުރެއެވެ.