ދުނިޔޭގެ ވޮލީބޯޅައިގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ފެޑެރޭޝަން ފޯ އިންޓަނޭޝަނަލް ވޮލީބޯލް އެސޯސިއޭޝަންސް (އެފްއައިވީބީ) ގެ ކޮންގްރެސްގައި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބި، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
މިއީ ރާއްޖޭގެ ވޮލީބޯލް ތާރީހުގައި މިހާތަނަށް ދުނިޔޭގެ ކޮންގްރެސްއެއްގައި ވާހަކަދައްކަން ލިބުނު ފުރަތަމަ ފަހަރެވެ. ރަނޭ ވާހަކަދައްކަވަމުން ގެންދެވި އިރު ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ އާއި ފެޑެރޭޝަނުގެ އިސްވެރިންނާއި މެމްބަރު ގައުމުތަކުގެ ވެރިން ތިއްބެވެ. ރާއްޖެއާއި އެފްއައިވީބީ އާއެކު އުފެދުނު ގާތް ގުޅުމާއެކު މިވަނީ އަނެއްކާވެސް އެ ގުޅުން އިތުރު ހަރުފަތެއް މައްޗަށް ޖައްސާލާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެފްއައިވީބީގެ ޕޯޑިއަމުގައި ރާއްޖެ ތަމްސީލުކުރަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ކޮންގްރެެސްގައި ވާހަކަދެއްކެވުމަށް ފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ރަނޭ ވިދާޅުވީ އިންޓަނޭޝަނަލް ފެޑެރޭޝަނާއި ގާތް ގުޅުމަކާއި އިތުބާރެއް އުފައްދާ، ދިވެހި ވޮލީއަށް އިތުރު އެހީތެރިކަމާއި ފުރުސަތުތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަ ބޮޑު ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
"ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ދަރިއަކަށް މިވަރުގެ ބޮޑު ފުރުސަތެއް ލިބުމުން ހަމަ ހަގީގަތުގަވެސް ފަހުރުވެރިވޭ، މިވަރުގެ ފުރުސަތެއް ލިބޭނީ ޔަގީނުންވެސް އިތުބާރު ހޯދައިގެން، އެންމެން އެކަތިގަނޑަކަށް ވެ މަސައްކަތްކުރުން އެއީ މިއަދު ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެން، އެންމެން ކުރާ މަސައްކަތުން ވޮލީއަށް އިތުރު ފުރުސަތު ހޯދޭނެ، ރައީސް ގްރާސާ ހާއްސަ ނަޒަރަކުން ރާއްޖެއަށް ބަލާ" ރަނޭ ވިދާޅުވިއެވެ.
ގްރާސާ ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާ ރާއްޖޭގެ ވޮލީބޯޅައާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މިދިޔަ އަހަރުވެސް ގްރާސާ ވަނީ ރާއްޖެ ރާއްޖެ ވަޑައިގެންފައެވެ. ގްރާސާގެ ޕްލޭނުގައި ރާއްޖެއަކީ ބީޗު ވޮލީބޯޅައިން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ މަންޒިލެކެވެ. އެފްއައިވީބީގެ އެހީތެރިކަމާއެކު މިއަހަރު ރާއްޖޭގައި ވަނީ ދުނިޔޭގެ ފެންވަރުގެ ބީޗްވޮލީބޯޅަ މުބާރާތެއް ވެސް ބާއްވާފައެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސަކަށް ރަނޭ އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަގާމާއި ހަވާލުވެ ރަނޭ ވަނީ މިހާތަނަށް ވޮލީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.