ޚަބަރު

ޒަހަރު ދީގެން މަރާލަން އުޅުނު: ތަނުޝްރީ


ބޮލީވުޑް ކުރީގެ ތަރި ތަނުޝްރީ ދައްތާ އަކީ އޭނާގެ މައްސަލަތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާއްމުކޮށް ވާހަކަ ދައްކާ ތަރިއެކެވެ. ތަނުޝްރީ ފާހަގަ ވަނީ އަބަދުވެސް އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރާ މީހެއްގެ ގޮތުގައެވެ.

އެގޮތުން މިއަހަރު ކުރީކޮޅުވެސް އެހީތެރިކަމަށް އެދި ސިއްރު ޕޯސްޓެއް ހިއްސާ ކުރުމުން ތަނުޝްރީގެ ނަން ވަނީ ސުރުޚީތަކަށް އަރާފައެވެ. "ބޮލީވުޑް މާފިޔާ" އިން އުނދަގޫކުރާ ކަމަށް ތަނުޝްރީ އޭރު ވަނީ ބުނެފައެވެ.

ދާދި ފަހުން އޭނާ އިތުރު ޕޯސްޓެއް ހިއްސާކޮށް ތަނުޝްރީ ވަނީ އޭނާ މަރާލަން އުޅުނު ކަމުގެ ތުހުމަތު ބޮލީވުޑް އެކްޓަރު ނާނާ ޕަޓޭކަރާއި، އޭނާގެ ވަކީލުންނާއި އޭނާގެ އެކުވެރިންނާއި އޭނާގެ ބޮލީވުޑްގެ މާފިއާ ރައްޓެހިންގެ މައްޗަށް ކޮށްފައެވެ. އަދި އޭނާ މަރާލަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތަނުޝްރީ ބުންޏެވެ.

ޖިންސީ ގޯނާ ކުރި ވާހަކަ ދެއްކުމުން އޭނާގެ ކާރަށް ގެއްލުންދީފައިވާ ކަމަށާއި، އޭނާއަށް ޒަހަރުދީގެން މަރާލަން އުޅުނު ކަމަށްވެސް ތަނުޝްރީ ވަނީ ބުނެފައެވެ.

އިމްރާން ހާޝިމީއާއެކު "އާޝިގް ބަނާޔާ" އާޕްނޭ އިން 2005 ވަނަ އަހަރު ބޮލީވުޑަށް ތަނުޝްރީ ޒޫމް ޓީވީއަށް މީގެ 3 އަހަރު ކުރިން ދިން އިންޓަވިއުއެއްގައި ބުނީ 2009 ވަނަ އަހަރު ދެއްކި ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ޝޫޓިން ތެރޭގައި ނާނާ ޕަޓޭކަރް އޭނާގެ ގަޔަށް އަތްލައި، ލަވައިގައި ނުހިމެނޭ ގައިގޯޅި ސްޓެޕްތަކެއް ޖައްސަން މަސައްކަތް ކުރި ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން ލަވައިގެ ކޮރިއޯގްރާފަރު ގަނޭޝް އަޗަރިއާ އާއި ޑައިރެކްޓަރު ރާކޭޝް ސަރަންގް ކައިރީގައި ޝަކުވާ ވެސް ކުރި ކަމަށް، މިހާރު އާންމުކޮށް އެމެރިކާގައި ދިރިއުޅޭ ބަތަލާ ބުންޏެވެ.

މި މައްސަލާގައި ތަނޫޝްރީ އަށް "ހޯން އޯކޭ ޕްލީޒް" އިން ދިން ލަވަ ނުކުޅެ، ދޫކޮށްލުމުން އެ ލަވަ ފަހުން ކުޅުނީ ބޮލީވުޑްގެ "ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރު ރާކީ ސާވަންތެވެ. ތަނުޝްރީ ވަނީ އަކްޝޭ ކުމާރާއި ރަޖްނީކާންތު ފަދަ މަޤުބޫލު އޭ ލިސްޓް އެކްޓަރުން، ނާނާ ޕަޓޭކަރާއެކު މަސައްކަތްކުރާތީ އެކަމަށް ވެސް ފާޑު ކިޔައިފަ އެވެ.

އުމުރުން އެންމެ 20 އަހަރުގައި މިސް އިންޑިއާ ޔުނިވާސްގެ ތާޖް 2004 ގައި ހާސިލު ކުރި ތަނުޝްރީއަކީ ބޮލީވުޑްގެ ފިލްމުތަކުން މިހާރު ފެންނަ ޒުވާން ބަތަލާ އިޝިތާ ދައްތާ، 28، ގެ ދައްތަ އެވެ.

ތަނުޝްރީ ބޮލީވުޑުން ގެއްލުނީ މާ ރަނގަޅު ފުރުސަތުތަކެއް ނުލިބި މީގެ 11 ވަރަކަށް އަހަރު ކުރިންނެވެ. ތަނުޝްރީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "އެޕާޓްމަންޓް" އެވެ. ތަނުޝްރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޗޮކްލެޓް: ޑީޕް ޑާކް ސީކްރެޓް"، "ދޯލް" އަދި "ގުޑް ބޯއި، ބޭޑް ބޯއި" ހިމެނެއެވެ.