ޚަބަރު

އެކްތާގެ "ކޭޓީނާ" އަށް ދިޝާއެއް ނޫން


2019 ވަނަ އަހަރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ރަސްމީކޮށް އިއުލާނުކުރި ފިލްމު "ކޭޓީނާ" ގެ ބަތަލާއަކީ ބޮލީވުޑް ބަތަލާ ދިޝާ ޕަޓާނީ ކަމަށް އޭރު އެކްތާ ވަނީ ބުނެފައެވެ. ނަމަވެސް މި ފިލްމުގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު މީގެ ކާސްޓުގައި ދިޝާއެއް މިހާރު ނުހިމެނެއެވެ.

އުމުރުން 30 އަހަރުގެ ދިޝާ ޓައިޓްލް ރޯލު ކުޅޭ ގޮތަށް ފިލްމު އިޢުލާންކުރި ނަމަވެސް އެއާ ބެހޭ އެއްވެސް ވާހަކައެއް ފަހަކުން ދެކެވިފައެއް ނުވެ އެވެ. އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ މިހާރު ވަނީ ދިޝާ ނޫން ބަތަލާއަކާއެކީ މި ފިލްމު ހަދަން ނިންމައިފައެވެ.

ފިލްމުގެ އައު ބަތަލާގެ ރޯލަށް 2 ތަރިއެއްގެ ނަން އެކްތާ ވަނީ މިހާރު ޝޯޓު ލިސްޓުކޮށްފައެވެ. އެއީ އެކްތާ ޕްރޮޑިއުސްކޮށް އަންނަ އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޑްރީމް ގާލް 2" ބަތަލާ އަނަނިޔާ ޕާންޑޭއާއި ނުޝްރަތު ބަރޫޗާ އެވެ. ނުޝްރަތަކީ "ޑްރީމް ގާލް" ގެ އޮރިޖިނަލް ފިލްމުގެ ބަތަލާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީވެސް އެކްތާއެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ އާޝިމާ ޗިބާރް އެވެ. މިއީ "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިއާގެ ސްކްރީން ޕްލޭއަކަށް އުފައްދާ އެއްޗެކެވެ.

އަނަނިޔާ މިހާރުވެސް މަސައްކަތްކުރަމުން ދަނީ ރާޖް ޝާންޑްލިޔާގެ "ޑްރީމް ގާލް 2" ގެ މަސައްކަތެވެ. މީގައި އަނަނިޔާއާއެކު ދެން ފެންނާނީ ޑްރީމް ގާލްގެ ފުރަތަމަ ބައިގެވެސް ލީޑް އެކްޓަރ އަޔޫޝްމާން ކުރާނާއެވެ. ޒޯޔާ އަހްތަރުގެ "ކޯ ގައޭ ހަމް ކަހާ" އަކީވެސް އަނަނިޔާ ސޮއިކޮށްފައިވާ ފިލްމެވެ. މި ފިލްމުގައި އަނަނިޔާގެ އިތުރުން ސިދާންތް ޗަކުރުވެދީ އާއި އާދާޝް ގޯރަވް ވެސް ފެންނާނެއެވެ.

ނުޝްރަތުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "ޗޯރީ 2"، "ރާމް ސޭޓޫ" އަދި "ސެލްފީ" ހިމެނެއެވެ.

"ވީރޭ ދެ ވެޑިން" އަށްފަހު ރިއާ ކަޕޫރާއިއެކު އެކްތާ އަނެއްކާވެސް "ލޫޓްކޭސް" ކިޔާ ފިލްމެއް ޕްރޮޑިއުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާޖޭޝް ކްރިޝްނާ ޑައިރެކްޓުކުރާ މި ފިލްމުގެ ކާސްޓުގައި ކަރީނާ ކަޕޫރުޚާން، ތާބޫ އަދި ކްރިތީ ސެނޮންވެސް ހިމެނެއެވެ.