ކުޅިވަރު

ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ގުރު ނަގައިފި


ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ގުރު ނަގައިފިއެވެ.

މިކަމަށްޓަކާ ޓީވީއެމް ސްޓޫޑިއޯގައި ހުކުރު ދުވަހުގެރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ ސްޕޮންސަރުންނާއި އެކި ޕާޓްނަރުންގެ އިތުރުން ޓީމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރެހެނދި ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގައެވެ. އެއް މަހަށް ދިގުދެމިގެންދާ ކުލަބު މޯލްޑިވްސް ކަޕު މިއަހަރުވެސް ކުރިޔަށްދަނީ ޖުމްލަ 32 ޓީމާއެކު އަށް ގްރޫޕަކަށް ބަހާލައިގެންނެވެ. މި ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 16 ޓީމުތަކުގެ މެދުގައި ބުރެއް ކުޅުމަށްފަހު ކުއާޓާފައިނަލަށް ޓީމުތައް ހޮވިގެންދާނެއެވެ. އެއަށްފަހު ސެމީފައިނަލް އަދި ފައިނަލް ކުޅޭނެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގްރޫޕުތަކުގައި ޓީމުތައް ބެހިފައިވާ ގޮތް:

  • ގްރޫޕް އޭ: ކުލަބު ވެމްކޯ، ކުލަބު އެމްޓީސީސީ، ފެން ކުލަބު، މިފްކޯ ރެކްރިއޭޝަން ކުލަބު
  • ގްރޫޕް ބީ: ޓީމުތަކަކީ އާރުއާރުސީ، ޓީމު އެމްސީސީ، މީޑިއާނެޓް، މޯލްޑިވިއަން
  • ގްރޫޕް ސީ: ޓީމުތަކަކީ އެމްއޭސީއެލް. ޓްރޭޑް ކުލަބު، ކުލަބު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، ޓީމު ޑީޖޭއޭ
  • ގްރޫޕް ޑީ: ޓީމުތަކަކީ ޓީމު ފެނަކަ، ޔުނައިޓެޑް ބީއެމްއެލް، ޓީމު ސިވިލް ކޯޓު، ކުލަބު އެއާޕޯޓްސް
  • ގްރޫޕް އީ: ޓީމު އެފްއެސްއެމް، ސްޓެލްކޯ ކުލަބު،ރާއްޖެ އޮންލައިން ކުލަބު، އެޗްއޭއާރުސީ
  • ގްރޫޕް އެފް: އެމްޕީއެލް، ކަސްޓަމްސް ރެކްރިއޭޝަން ކުލަބު، ކުލަބް އެމްވައިއެސް، ކުލަބް އާސަންދަ
  • ގްރޫޕް ޖީ: ކުލަބު އެޗްޑީސީ، ޑީއެސްސީ، އެމްއެމްއޭ ސްޕޯޓްސް ކުލަބު، ކުލަބު ޓީޓީއެސް
  • ގްރޫޕް އެޗް: އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ކުލަބު އިމިގްރޭޝަން، ޓީމް އެލައިޑް، މުލިއާގެ ރެކްރިއޭޝަން ކުލަބު

ކުލަބު މޯލްޑިވްސް ކަޕުގައި އަންހެން ޓީމުތަކަށް ހާއްސަކޮށްގެން ބާއްވާ 18/30 ފުޓްސަލް ފިއެސްޓާ ކުރިޔަށްދާނީ ފަސް ޓީމާއެކު އެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން އަދި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންކަން ހޯދި އެމްޕީއެލް އާއި ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، އަދި ދިވެހި ސިފައިންގެ ކުލަބެވެ. އަންހެން ބައި ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ ލީގު ބުރުން އެންމެ ވަރުގަދަ ދެ ޓީމެވެ.

ކުލަބު މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. އަހަރަކަށްފަހު އަހަރެއް މުބާރާތުގެ ފޯރި ގަދަވަމުން އަންނައިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު މި މުބާރާތް ނުބާއްވައެވެ. އޭގެފަހުން މި މުބާރާތް ބޭއްވީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ރޯޑް ރެކްރިއޭޝަން ކުލަބު (އާރުއާރުސީ) އެވެ. އާރުއާރުސީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، 4-0 އިން ބަލިކުރުމަށްފަހު އެވެ.