ޚަބަރު

ހިއުމަން ރައިޓްސް ފެއަރ 2022 ބާއްވައިފި


ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމްކޮށްގެން "ހިއުމަން ރައިޓްސް ފެއަރ 2022" ބާއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު 4 އިން 6 އަށް ކުރިއަށް ދިޔަ މިފެއަރގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައެއް ޖަމްއިއްޔާތަކުން ބައިވެރިވެ ސްޓޯލްތައް ޤާއިމްކޮށްގެން އެފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުންވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީއާއި، ކުޑަކުދިންގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި، ޕެންޝަން އޮފީސް، އެންސްޕާ، ފެމިލީ ޕްރޮޓެކްޝަން އޮތރިޓީންވަނީ ބައިވެރިވެ އެބޭފުޅުންގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. މަޢުލޫމާތު ދިނުމުގެ އިތުރުން ކޮންމެ ސްޓޯލެއްގައިވެސް އެދާއިރާއަކާ ގުޅިގެން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިފެއަރއަށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ބޮޑެތި މީހުން ހިމެނޭގޮތުން ގިނަބަޔަކުވަނީ ޒިޔާރަތްކޮށްފައެވެ.

މިފެއަރ ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ފެއަރގައި ބައިވެރިވާ އިދާރާތަކާއި ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތަކާމެދު އާއްމުން ހޭލުންތެރިކުރުވުމާއި، އެކި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދާނެ އަވަސްގޮތްތަކާމެދު އާއްމުން ހޭލުންތެރިކުރުވުމާއި، ވަކި ކަމަކާ ގުޅިގެން އެހީ ހޯދާނެ ފަރާތްތައް އަންގާ ދިނުން ހިމެނެއެވެ. މީގެ އިތުރުން ކޮމިޝަނާއި، ދައުލަތުގެ އިދާރާތަކާއި، ޖަމްއިއްޔާތަކާއި، އަދި އާއްމުންނާއި، އޮންނަ ގުޅުން ބަދަހިކުރުމާއި، އާއިލާތަކަށް އުފާވެރި މާހަވްލެއް ހޯދައިދީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ގުޅުން ބަދަހި ކުރުންވެސް މިފެއަރ ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން 15 ފަރާތެއް ހޮވާ އެފަރާތްތަކަށްވަނީ އިނާމްދީފައެވެ.