ޚަބަރު

ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގައި ސޮއިކުރުން އާދީއްތަދުވަހު


ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި، އެގްރީމަންޓުގައި ސޮއިކުރުން އާދީއްތަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހަނިމާދޫ އިންޓަނޭޝަން ޓާމިނަލް ތަރައްގީކުރަން އިކޮނޮމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރުމަހުއެވެ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ތަރައްޤީގެ މަސައްކަތާއި ގުޅޭގޮތުން އެދާއިރާގެ މެމްބަރު ޢަބްދުލް ޢަފޫރު މޫސާ ވިދާޅުވީ ހަނިމާދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ޚިދުމަތް ދޭނެކަމަށް އެތައް ސަރުކާރަކުން ވިދާޅުވިކަމަށެވެ. ނަމަވެސް މިސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފާވާ ގޮތާއި އެއްގޮތަށް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވި ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

އެއާޕޯޓްގެ އެއްބަސްވުމުގައި އާދީއްތަ ދުވަހުގެރޭ ސޮއިކުރުމަށްފަހު މަދު ދުވަސްތަކެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެއާޕޯޓަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރެވިގެންދާނެއެވެ. އެއާޕޯޓްގެ މަސައްކަތް ނިމިގެންދާއިރު، އިންޓަރ ނޭޝަނަލް އެއާޕޯޓް ވެގެންދަނީ އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ ވެފައިވާ ފުރިހަމަ އެއާޕޯޓަކަށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ހަނިމާދޫގައި އެއާޕޯޓް އެޅިގެންދާނެ. އަދި ރައީސުލްޖުމްހޫރިއްޔާ ވައުދުވި ވަރަށްވުރެވެސް ރަނގަޅަށް، ހަނިމާދޫގައި ހެދޭ އިންޓަރނޭޝަނަލް އެއާޕޯޓް ހެދިގެންދަނީ. މިހާރު ހަނިމާދޫގައި އޮތް އެއާޕޯޓުގައި ހުރި އެއްވެސް އެއްޗެއްގެ ބޭނުން ނުހިފައި މުޅިން އާ އިންޓަރނޭޝަލް ބްރޭންޑް ނިއު އެއާޕޯޓެއް ހަނިމާދޫގައިއެޅިގެން އެދަނީ. އިތުރު ވަސީލަތްތައްސް ޤާއުމް ކުރެވިގެންދާނެ." ޣަފޫރު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިއާއެކު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިނާރާ ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް އެއަރޕޯޓެވެ. 2012 ވަނަ އަހަރު އިންޓަރނޭޝަނަލް ފެންވަރަށް އެއަރޕޯޓް އަޕްގްރޭޑް ކުރިނަމަވެސް މިއަދާ ހަމައަށް އެއަރޕޯޓުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއްނުވެއެވެ. އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ހަނިމާދޫ އެއަރޕޯޓު ޒަމާނާ އެއްވަރަށް ތަރައްޤީވެފައި ނެތުންކަން އުތުރުގެ ރައްޔިތުން ބުނެއެވެ.