އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށާއި އެންސްޕާގެ ސީއީއޯގެ މަޤާމަށް ބަދަލުތަކެއް ގެންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މ. މާފުށީގެ، މަރްޔަމް ޝަފީޤު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާކަމަށެވެ.
މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ޙާސިލް ކުރައްވާފައެވެ. މަރްޔަމް ޝަފީޤު މީގެ ކުރިންވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ. އޭނާ އެންމެފަހުން ހުންނެވީ އާސަންދަގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ އެމް.ޑީ.ގެ މަޤާމުގައި ހުންނެވި އަލްފާޟިލާ މަރްޔަމް ޝަފީޤް، މ. މާފުށީގެ، އެމަޤާމުން ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެމް.ޑީ.ކަމުގެ މަޤާމަށް އަލްފާޟިލް އިސްމާޢީލް ޢައްޒާމް ވަޖީހު، މ. ހަޒާރުމާގެ، މިއަދު ޢައްޔަންކޮށްފީމެވެ.
— Privatization & Corporatization Board (@pcb_gov) September 22, 2022
މަރްޔަމް ޝަފީޤު އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ އެންސްޕާގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޢައްޒާމް ވަޖީހު އެމަޤާމުން އިސްތިއުފާދެއްވުމުންނެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެންސްޕާގެ ސީއީއޯގެ މަޤާމުން އިސްތިއުފާދެއްވި އިސްމާޢީލް ޢައްޒާމް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާކަމަށެވެ.
މީގެއިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ގދ.ތިނަދޫ، އަސަރީގެ ޢަލީ އިކްރާމް ވަނީ އައްޔަންކޮށްފައެވެ.