އިންގްލަންޑުގެ ކްރިކެޓް ޓީމާއި ޕާކިސްތާނުގެ މެދުގައި ކުޅުނު ދެވަނަ ކްރިކެޓް މެޗު ޕާކިސްތާނުން ކާމިޔާބުކޮށް، މި ސީރީޒް އެއްވަރުކޮށްފިއެވެ.
މިމެޗް ޕާކިސްތާނުން ކާމިޔާބުކޮށްފައިވަނީ 10 ވިކެޓުންނެވެ.
މިމެޗްގައި ޓޮސް ދިމާވެގެން އިންގްލަންޑުން ގަސްދު ކުރީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އިންގްލަންޑުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 199 ލަނޑެވެ. އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 55 ލަނޑު ހަދާދިން މޮއީން އަލީ އެވެ. މީގެއިތުރުން ބެން ޑަކެޓް 43 ލަނޑު ހަދާދިން އިރު ހެރީ ބްރޫކް 31 ލަނޑު އަދި ފިލް ސޯލްޓްވަނީ 30 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 30 ލަނޑަށް 2 ވިކެތް ނަގާދިން ހަރިސް ރައުފް އާއި ހަތަރު އޯވަރު 37 ލަނޑަށް ދެވިކެޓް ނަގާދިން ޝަހްނަވާޒް ދަހާނީއެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން ތިން ބޯޅަ ބާކީ އޮއްވާ އެއްވެސް ވިކެޓެއް ގެއްލުވާނުލާ ވަނީ 203 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. ޕާކިސްތާންގެ އޯޕަނިންގ ދެ ބެޓްސްމަނުން ކަމަށްވާ ބާބަރ އަޒާމް އާއި މުހަންމަދު ރިޒްވާންވަނީ އާދަޔާ ހިލާފު ޕާރޓްނަރޝިޕަކާއެކު މޮޅުކުޅުމެއް މިމެޗްގައި ދައްކާފައެވެ. މިގޮތުން އަޒާމް ވަނީ ނުބައިނުވެ 110 ލަނޑު ހަމަކޮށްފައެވެ. އަދި ރިޒްވާންވަނީ ނުބައިނުވެ 88 ލަނޑު ހަމަކޮށްފައެވެ.
މިކާމިޔާބީއާއެކު ޕާކިސްތާން ވެގެން ގޮސްފައިވަނީ މިހާތަނަށް އެންމެ މަތީ ސްކޯއަކާ އަރާ ހަމަކުުމަށް ވިކެޓެއް ގެއްލުވާ ނުލާ ޓީޓުވެންޓީގެ ފިރިހެން މެޗެއް ކާމިޔާބުކުރި ޓީމަށް ވެގެންގޮސްފައެވެ. ކުރިން މިރިކޯޑް އޮތީ 2016 ވަނަ އަހަރު 169 ލަނޑުގެ ސްކޯއެއް އަތުލުމަށް ވިކެޓެއް ގެއްލުވާނުވާ ޕާކިސްތާންގެ މައްޗަށް ކުރި ހޯދި ނިއުޒީލަންޑް އަތުގައެވެ. މިމެޗާއި ހަމައަށް އިންގްލަންޑްގެ ޓީމް ޓީ ޓުވެންޓީގެ މެޗަކުން 10 ވިކެޓުން ބަލިވެފައެއް ނުވެއެވެ. ހަތް މެޗަށް ކުޅުމަށް ހަމަޖެހިފައިވާ މިސީރީޒްގެ ތިންވަނަ މެޗް މިއަދު ކަރާޗީގައި ވަނީ ކުޅުމަށް ހަމަޖެހިފައެވެ.