ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާމިނަތު ޖާއިޝާ ޖުނީޒް މުގުރާލިއިރު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ދުވަހު ރަން މެޑަލް ހޯދައިފިއެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ ގައުމީ އެތުލެޓިކް މުބާރާތުގެ 5000 މީޓަރު ދުވުމުގައި ޖާއިޝާ ރެކޯޑު ހަދާފައި ވަނީ 20 މިނެޓަށްވުރެ އަވަހަށް ރޭސް ނިންމައިގެންނެވެ. މިއީ ދިވެހި އެތުލީޓަކު 5000 މީޓަރު ދުވުން 20 މިނެޓަށްވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރެވެ. ޖާއިޝާ ރޭސް ނިންމި ޓައިމިން އަކީ 19 މިނެޓު 43.09 ސިކުންތެވެ.
ޖާއިޝާ އަތުގައި މި ވަގުތު ރާއްޖޭގެ އަންހެނުންގެ ދުވުމުގެ 1500 މީޓަރާއި 3000 މީޓަރުގެ ގައުމީ ރެކޯޑް ވެސް އެބައޮތެވެ. ޖާއިޝާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްދިޔަ ރޭހެއްގައި ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑުވެސް ހަދައިފަ އެވެ.
އިއްޔެ ކުރިއަށްދިޔަ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 10.86 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރޭހުގެ ދެވަނައަށް ދިޔައީ، އިބާދުﷲ އާދަމްއެވެ. އޭނާގެ ޓައިމިންއަކީ 10.96 ސިކުންތެވެ. އަދި ތިންވަނައަށް ދިޔައީ އަޙްމަދު ނަޖުދާން އަބްދުﷲއެވެ. އޭނާ ރޭސް ނިންމީ 11.23 ސިކުންތުންނެވެ.