ޚަބަރު

ސޫރިޔާގެ އައްސޭރިފަށަށް ބޯޓެއް ފެތި 34 މީހުން މަރުވެއްޖެ


ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުން ދިޔަ ބޯޓެއް ސޫރިޔާގެ އައްސޭރިފަށުގެ ސަރަޙައްދަކަށް ފެތި، 34 މީހުން މަރުވެއްޖެއެވެ. ލުބުނާނުން ފުރައިގެން ދަތުރުކުރަމުން ދިޔަ މި ބޯޓުގައި ތިބީ ޤަވާޢިދާ ޚިލާފަށް ހިޖުރަ ކުރަން އުޅުނު ބަޔެކެވެ. ލުބުނާނުގައި ސޫރިޔާގެ މިލިޔަނަކަށް ވުރެ ގިނަ ރެފިޔުޖީން އުޅެއެވެ. އެ މީހުން ލުބުނާނަށް ހިޖުރަ ކޮށްފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށެވެ.

ނަމަވެސް، ލުބުނާނުގެ އިޤްތިޞާދީ ހާލަތު ދަށްވުމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ސޫރިޔާގެ ރެފިޔުޖީން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަން މަސައްކަތް ކުރެއެވެ. ފެތުނު ބޯޓުން ދަތުރުކުރި 20 މީހަކު ސަލާމަތްކޮށް، މިހާރު ދަނީ ސޫރިޔާގެ ދެވަނައަށް އެންމެ ބޮޑު ބަނދަރުމަތީ ރަށް ކަމުގައިވާ ތަރްތުސްގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންނެވެ. ތަރްތުސް އޮންނަނީ ލުބުނާނުގެ ބަނދަރުމަތީ ރަށް ތުރާބުލުސްގެ އުތުރުން 50 ކިލޯމީޓަރު ދުރުގައެވެ.

މި ގޮތަށް ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަ ކުރާ މީހުންނާ އެކު ދަތުރުކުރާ ބޯޓުފަހަރު ކަނޑުވުން އެ ސަރަޙައްދުގައި ވަނީ ޢާންމުވެފައެވެ. އޭޕްރިލް މަހު ހިނގި މި ފަދަ ހާދިސާއެއްގައި ހަ މީހުން މަރުވިއެވެ. ޤަވާޢިދަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރު ކުރި އެ ބޯޓު ކަނޑުވީ ލުބުނާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް އެ ބޯޓުގައި ޖެއްސުމުން ކަމަށް ތުހުމަތު ކުރެވެއެވެ.

ސެޕްޓެންބަރު 13 ވަނަ ދުވަހު ހިނގި މި ފަދަ ހާދިސާއެއްގައި ވެސް ހަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި ތުއްތު ދެ ކުދިން ވެސް ހިމެނެއެވެ. އެ ބޯޓު ފެތިފައި ވަނީ ތުރުކީ ވިލާތުގެ ޕުރޮވިންސެއް ކަމުގައިވާ މުޣުލާގެ އައްސޭރިފަށަށެވެ. އެ ބޯޓުން ދަތުރުކުރި 73 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. އެ ބޯޓުގައި ދަތުރު ކޮށްފައި ވަނީ ލުބާނުން ފުރައިގެން އިޓަލީ ވިލާތަށް ދިޔުމަށް މަސައްކަތް ކުރި ބަޔެކެވެ.