ޚަބަރު

ކޮވިޑެއް ނުނިމޭ، ފިޔަވަޅުތައް ދޫކޮށް ނުލާ: ޓެޑްރޯސް


ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމަކަށް ނާންނަ ކަމުގެ އިންޒާރު ދެއްވައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްނުލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ގޮވައިލައްވައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރޭ މިންވަރު ދަށްވެފައި ވީނަމަވެސް، ބައްޔާ މެދު ފަރުވާ ކުޑަކޮށްލެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ، ޕެންޑެމިކް ނިމިއްޖެހޭ؟ އަހުރެންގެ ޖަވާބަކީ، ޕެންޑެމިކް އަދި ނުއެއް ނިމެޔޭ. ނަމަވެސް، އެ ކަމުގެ ކޮޅުމަތި އޮތީ ފެންނާށޭ،" ޓެޑްރޯސް ވިދާޅުވިއެވެ. މި ބަލީގައި މަރުވާ މީހުންގެ އަދަދު އެންމެ މައްޗަށް އުފުލިފައި ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، އެ އަދަދު މިހާރު އެންމެ 10 އިންސައްތަށް ވަނީ ދަށް ކުރެވިފައެވެ.

މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅީ ވެކްސިން ދިނުމެވެ. ނަމަވެސް، މި ކަމުގައި ޤައުމުތަކުގެ މެދުގައި ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް އާމްދަނީ ދަށް ފަގީރު ޤައުމުތަކުގައެވެ. "ބަލީގެ ވައިރަސް އަދިވެސް ދަނީ ފެތުރެމުން. ވައިރަސް ދަނީ މިއުޓޭޓްވަމުން އަދި ބަދަލުވަމުން. އެހެންވީމަ، ނުރައްކާތެރި އައު ވޭރިއެންޓްތަކެއް އުފެދުމުގެ ނުރައްކާތެރި ކަން އަދިވެސް އެބައޮތް،" ޓެޑްރޯސް ވިދާޅުވިއެވެ.

ބައެއް ޤައުމުތަކުގައި ދެން އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ބައްޔަކީ މަކުނުވިދުރިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 105 ޤައުމަކަށް މި ބަލި ވަނީ ފެތުރިފައެވެ. އަދި، ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 62,000 އަށް އަރާފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ.

"ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ހަފުތާއަކު ދަނީ ދަށްވަމުން. ނަމަވެސް، މި ކަން މި ގޮތަށް ދެމިއޮންނާނެ ކަމަށް ޔަގީންކޮށްގެން ތިބެވޭކަށް ނެތް. ކޮވިޑްއެކޭ އެއް ފަދައިން، މިއީ ފަރުވާ ކުޑަނުކޮށް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އެކު ހުއްޓައިނުލައި ކުރިއަށް ދާންވީ ވަގުތު،" ޓެޑްރޯސް ވިދާޅުވިއެވެ.