ޚަބަރު

މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުން - މިއުވާން


މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެެވެ. މިއާއެކު މަސް ކިރުވުމުގައި ދަތިތަކާއި ދިމާވަމުންދާކަމުގެ ޝަކުވާ މަސްވެރިންދަނީ ކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު އުޅަނދެއް ގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ރަނގަޅު އުޅަނދެއް ހޯދުމަށް އިންސްޕެކްޝަންތައް ކުރަމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު އުޅަނދެއް ގަތުމުގެ މަސައްކަތް އެބޭފުޅުން ކުރަމުން އެބަ ގެންދަވާ، އެގޮތުން އެކަށޭނަ އުޅަނދެއް ހޯދާ ފައިނަލް ކުރުމަށް އޮޕަރޭޝަނަށް އެކަށޭނަ އުޅަނދުތައް ދަނީ ބަލަމުން، " މިއުވާން ވިދާޅުވިއެވެ.

މިއުވާންވެސް ވަނީ މި ދުވަސްވަރު ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ 2 ހަފްތާގެތެރޭގައި މިފްކޯއަށް ގާތްގަނޑަކަށް އެވްރެޖްކޮށް ދުވާލަކަށް 700 ޓަނާ ގާތަށްމަސް ކިރުވަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެވްރެޖްކޮށް އެވަރަށް މަސް ކިރުވަމުންދާއިރު، މިމަހުގެ 15ވަނަ ދުވަހު 717 ޓަނުގެ މަސް ކިރުވާފައިވޭ، މިފްކޯގެ ހަމަ ފުލް ކެޕޭސިޓީގައި ދަނީ މަސައްކަތްކުރަމުން" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިފްކޯއިން ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު މަސް ކިރުވުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާ ކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ. އެގޮތުން 14 އައިސްޕްލާންޓެއް ހިންގުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފައިވާކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ.