އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ބަލަން ވަންނަ ސަޕޯޓަރުންގެ ތެރެއިން ގަވާއިދާ ޚިލާފުވާ ސަޕޯޓަރުންނަށް މަދުވެގެން އެއް އަހަރު ދުވަހުގެ އަދަބެއް ދޭން ހުރިހާ ކުލަބުތަކަކުން އެއްބަސްވެއްޖެެއެވެ.
މިގޮތުން ކްލަބްތަކުން ވަނީ މެޗްތަކުގައި އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކަންކަމާއި ކުއް ކުރާ ސަޕޯޓަރުންނަށް މިއަދަބު ދިނުމަށް ނިންމާފައެވެ.
އިންގްލަންޑްގައި މިގޮތަށް ހަދަން ޕްރިމިއަރ ލީގާއި އިންގްލިޝް ފުޓްބޯލް ލީގުން ނިންމީ ސަޕޯޓަރުންގެ ފަރާތުން ފަހަކަށް އައިސް ކުރިމަތިވާ އަހްލާގީ މައްސަލަތަކާހެދި މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މިގޮތުން އޮޓަމެޓީކް ބޭން އެއް ދިނުމަށް އޭރު ނިންމި ނަމަވެސް އެބޭންގެ މުއްދަތު އެފަރާތުން ކަނޑައަޅާފައެއް ނުވެއެވެ. މަދުވެގެން އެއް އަހަރުގެ ބޭން ދޭން ޕްރިމިއަރ ލީގުން ނިންމާފައިވަނީ ލިގުގެ ހިއްސާ ދާރުންގެ ބައްދަލުވުމެއްގައެވެ.
މިއަދަބު ދިނުން މިހާރުން މިހާރަށް ފެށުމަށް ހަމަޖެހިފާވާއިރު މިކަމަށް އަމިއްލަ ދަނޑާއި ރަށުން ބޭރުގައި ކުޅޭ މެޗްތަކަށްވެސް އަމަލު ކުރެވޭނެކަމަށް ހާމަކޮށްފައިވެއެވެ. މިގޮތުން ސްމޯކް ބޮން ގެންގުޅެނިކޮށް ފެންނަ ސަޕޯޓަރުންނާއި ހުއްދަ ނެތި ދަނޑު މައްޗަށް އަރާ ސަޕޯޓަރުންނާއި މެދު އަމަލު ކުރެވެނީ މީގެ ދަށުންކަމަށްވެސް އެފަރާތުން ހާމަކުރެއެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު މިފަދަ އަމަލެއް ހިންގައިފި ކަމަށްވާ ނަމަ އޭނާ އާއި ހަވާލުވެގެންދާ ބެލެނިވެރިޔަކަށްވެސް މިއަދަބު ދެވިދާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.
ސަޕޯޓަރުންނަށް އަދަބު ދިނުމަށް ހަމަޖެހިފައިވާއިރު އިންގްލިޝް އެފް އޭ އިންވަނީ މިކަންކަން ރަނގަޅަށް ނުބަލާ ކްލަބްތަކަށްވެސް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައެވެ. އަދި މިފަދަ ކަންތައްތައް އިސްލާހު ކުރުމަށް ކްލަބްތަކާއި ގުޅިގެން އެފް އޭ އިން މަސައްކަތް ކުރާނެކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.