ކުޅިވަރު

ބެނެވެންޓޯގެ ކޯޗަކަށް ކަނަވާރޯ ހަމަޖައްސައިފި


އިޓާލިއަން ލީގު ބީގެ ކުލަބެއް ކަމަށްވާ ބެނެވެންޓޯގެ ކޯޗަކަށް އިޓަލީއަށް މީގެ ކުރިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ފަބިއޯ ކަނަވާރޯ ހަމަޖައްސައިފިއެވެ.

އުމުރުން 49 އަހަރުގެ ކަނަވާރޯ އިޓާލިއަން ފުޓްބޯޅައަށް އެނބުރި މިއައީ 2010 ވަނަ އަހަރު ޔުވެންޓަސްއަށް ކުޅުން ހުއްޓާލިފަހުން ފުރަތަމަ ފަހަރަށެވެ.

2006 ވަނަ އަހަރު ފީފާ ވާރލްޑް ކަޕް އިޓަލީވިލާތުން ކާމިޔާބުކުރި ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ކަނަވާރޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިހާތަނަށް ކޯޗިން ކޮށްދެމުން ގޮސްފައިވަނީ އޭޝިއާގެ ކްލަބްތަކަށެވެ. މިގޮތުން ކަނަވާރޯ ވަނީ ޗައިނާ އާއި ސައުދީ އަރަބިއާގެ ކްލްބަތްކަށް ކޯޗް ކޮށްދީފައެވެ. ކަނަވާރޯ އެންމެ ފަހުން ކޯޗް ކޮށްދީފައިވަނީ ޗައިނާގެ ކްލަބެއް ކަމަށްވާ ގުއާންޒޫ އެފްސީ އަށެވެ. އޭޝިއާގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ގުއާންޒޫއިން ވަކިވެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި އޭނާވަނީ 2019 ވަނަ އަހަރު ހަ ހަފްތާ ވަންދެން ޗައިނާގެ ގައުމީ ޓީމަށވެސް ކޯޗް ކޮށްދީފައެވެ. ކަނަވާރޯއަކީ އޭނާގެ ކުޅުމުގެ ދުވަސްވަރު ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަ ކޮށްލެވުނު އެއް ޑިފެންޑަރެވެ. މިގޮތުން 2006 ވަނަ އަހަރުގެ ބަލޮން ޑިއޯ އޭނާއަށް ލިބިފައިވެއެވެ. އަދި ކުޅުނު ކްލަބްތަކުގެ ތެރޭގައި ޕާރމާ، ޔުވެންޓަސް، އިންޓަރ މިލާން އަދި ރެއާލް މެޑްރިޑް ހިމެނުނެވެ.

ކަނަވާރޯ ސޮއި ކުރި ބެނެވެންޓޯވަނީ 2020-2021 ވަނަ އަހަރުގެ ސިޒަންގައި ސެރީ ބީއަށް ރެލިގޭޓް ވެފައެވެ. އަދި މިވަގުތު އުޅެނީ ހަ މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.